ގެމަނަފުށި

ފެރީއެއްގެ ދަތުރުކުރަމުން ދަނިކޮށް ޒުވާނަކު މޫދަށް ވެއްޓި މަރުވެއްޖެ

Sep 18, 2022

ދަތުރުކޮށްފައި ދިޔަ ފެރީއަކުން މޫދަށް ވެއްޓުނު މީހަކު މަރުވެއްޖެ އެވެ.

މަރުވި މީހާ މޫދަށް ވެއްޓުނީ ގއ. ގެމަނަފުށިން ފުރައިގެން އެ އަތޮޅު ކަނޑުހުޅުދޫ އަށް ފެރީގައި ދަތުރުކުރަނިކޮށެވެ.

މިއަދު ހަވީރު 5:45 ހާއިރު ހިނގި ހާދިސާގައި މަރުވީ ކަނޑުހުޅުދޫ އަށް ނިސްބަތްވާ އުމުރުން 24 އަހަރުގެ ޒުވާނެކެވެ.

ގެމަނަފުށިން އަވަސް އަށް މައުލޫމާތު ދިން ބައެއް މީހުން ބުނި ގޮތުގައި ޒުވާނާ އެ ރަށުގެ ކައިރިއަށް ވެއްޓުނު މަންޒަރު ފެނުނީ ގެމަނަފުށި ތޮށިގަނޑު މަތީގައި ތިބި ބަޔަކަށެވެ. އޭނާ މޫދުން ނަގައިގެން ގެމަނަފުށްޓަށް ގެނައީ އެ މަންޒަރު ފެނުނު ބައެކެވެ.

ގެމަނަފުށި ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އޭނާ އޮތީ މަރުވެފައި ކަމަށާއި އެއީ ފިޓް ޖެހޭ މީހެއް ކަމަށް މައުލޫމާތު ލިބެ އެވެ.

މަރުވި ޒުވާނާގެ ހަށިގަނޑު މިހާރު ވަނީ ކަނޑުހުޅުދޫ އަށް ފޮނުވާލާފަ އެވެ.