ގއ. ގެމަފުށި، ކޮނޑޭ އަދި ގދ. މާވަރުލު ތަރައްގީކުުރުމަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ގިނަ ވައުދުތަކެއް ވެވަޑައިގެންފި އެވެ.
ގއ. ގެމަނަފުށީގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާގައި މުއިއްޒު ވިދާޅުވީ ގެމަނަފުށްޓަކީ މަސްވެރިކަމުގެ ދާއިރާއިން ކުރިއަރާފައިވާ ރަށެއް ކަމަށްވާތީ އެރަށުގައި މަސްވެރިކަން ކުރިއެރުވުމަށް ބޭނުންވާ އެކިއެކި ވަސީލަތްތަކާއި ހިދުމަތްތައް ގާއިމުކުރައްވާނެ ކަމަށެވެ. ގެމަނަފުށްޓަށް ބޭނުންވާ އުމްރާނީ ތަރައްގީ ގެނައުމުގެ ގޮތުން އެ ރަށުގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރެވިގެން ދާނެ ކަމަށްވެސް ވިދާޅުވި އެވެ.
މުއިއްޒު ވަނީ ގެމަނަފުށީގެ ބިން އިތުރުކުރުމަށްޓަކައި ބިން ހިއްކުމުގެ މަޝްރޫއެއް ކުރިއަށް ގެންގޮސް އެރަށުގައި ބޯހިޔާވެހިކަމުގެ މަޝްރޫއެއް ކުރިއަށް ގެންދަވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
ހުވަދު އަތޮޅުގައި ޓޫރިޒަމް ފުޅާކުރުމަށް ގެންގުޅޭ ވިސްނުމުގެ ތެރެއިން ގެމަނަފުށި ކައިރިން ފަޅު ރަށެއްގައި ރިސޯޓެއް ތަރައްގީކޮށް ރައްޔިތުންނަށް ވަޒީފާގެ އިތުރު ފުރުސަތުތައް ހުޅުވާލާނެއް ކަމަށްވެސް ވިދާޅުވި އެވެ.
ވެރިކަން ލިބިވަޑައިގެންފިނަމަ ގެމަނަފުށީގައި ބޭންކު ބްރާންޗެއް ހުޅުވައިދީ ގެމަނަފުށި ސްކޫލުގައި މަލްޓިޕާޕަސް ހޯލެއް އަޅުއްވައިދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ. އަދި ސިއްހީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ އެކްސްރޭ ނެގުން ފަދަ ހިދުމަތްތައް ގެމަނަފުށްޓަށް ތައާރަފް ކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ކެމްޕޭންގައި ކޮނޑޭއަށް ވަޑައިގެންނެވޭ ގޮތް ނުވި ނަމަވެސް އެ ރަށަކީ ދަނޑުވެރިކަމުގެ ގޮތުން ކުރިއަރާފައިވާ ރަށަކަށްވާތީ އެރަށު ރައްޔިތުން ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯއްދަވައި ދެއްވާނެ ކަމަށެވެ. އަދި ކޮނޑޭގެ ރައްޔިތުން ބޭނުންވާނަމަ އެރަށުގެ ބަނދަރު އިތުރަށް ތަރައްގީ ކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ގދ. މާވަރުލުގައި ހަދާފައިވާ އެއާޕޯޓް އިތުރަށް ތަރައްގީކުރުމަކީ ގެމަނަފުށި ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަަަށެވެ. ވެރިކަން ލިބިވަޑައިގެންފިނަމަ އެންމެ ފުރަތަމަ ކުރައްވާނެ އެއް ކަމަކީ މާވަރުލު އެއާޕޯޓަށް ރޭގަނޑުގެ ދަތުރުތައް ފެށޭނެ ގޮތްތަކެއް ހަމަޖެއްސުން ކަމަށްވެސް ވިދާޅުވި އެވެ.