ހަބަރު

ނިދަންޖެހެނީ ދެ ފޫޓް އައްޓެއް މަތީ: އަދީބު

ދޫނިދޫގެ ގޮޅީގައި ނިދަން އޮންނަވަން ޖެހެނީ ދެ ފޫޓް އައްޓެއްގެ މަތީގައި ކަމަށް ރިޔާސީ ލޯންޗްކޮޅު މައްސަލާގެ ތަހުގީގަށް ހައްޔަރުކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ގަފޫރް ވިދާޅުވެއްޖެއެވެ.

އަދީބު މިހެން ވިދާޅުވީ އެމަނިކުފާނުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ކުށުގެ ތުހުމަތުގައި ބަންދުކުރާ ސިޔާސީ ފަރާތްތައް އާއިލާއާއި ބައްދަލުކުރުމަށް ފުލުހުން އިންތިޒާމްކޮށްދޭ ފުރުސަތުތައް ދިނުމުގައި އަދީބަށް ތަފާތުކުރާ މައްސަލައިގައި ސިވިލްކޯޓްގައި މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމުގަ އެވެ.

އެ ބައްދަލުވުމުގައި އަދީބު ވިދާޅުވީ، އެމަނިކުފާނަކީ އިސްކޮޅުގައި ފަސް ފޫޓާއި ނުވަ އިންޗި ހުންނަ ބޭފުޅެއް ކަމަށާއި ނަމަވެސް ނިދަން އޮންނަވަން ޖެހެނީ ދެ ފޫޓުގެ އަށްޓެއްގައި ކަމަށެވެ. އެކަމުގެ ސަބަބުން ނިދަން އުނދަގޫވާ ކަމަށް ވިދާޅުވި އެވެ.

ނިދާ އައްޓާ ގުޅޭގޮތުން އަދީބު ޝަކުވާ ކުރެއްވުމުން ސިވިލް ކޯޓުގެ ގާޒީ ވަނީ ދައުލަތަށް އެކަމުގައި ޖަވާބުދާރީވުމަށް އަންގާފައެވެ. ދައުލަތުގެ ވަކީލް ވިދާޅުވީ، އެކަން ސާފުވާނީ ފުލުހުން ފަރާތުން މައުލޫމާތު ސާފުކުރުމަށްފަހު ކަމަށެވެ. މިއަދު ވެސް މަޝްވަރާ ބައްދަލުވުން ނިންމާލީ މި މައްސަލައަށް ހައްލެއް ނުގެނެހެވެ. ގާޒީ ވަނީ ހަފުތާއެއްގެ މުއްދަތު ޖަވާބުދާރީވުމަށް ދައުލަތަށް ދެއްވާފައެވެ.

އަދީބުގެ ވަކީލުންގެ ޓީމުން ކުރިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ބަންދުގައި ތިބޭ އެހެންމީހުންނާ ހިލާފަށް އާއިލާއާ ބައްދަލުކުރުމުގައި އަދީބަށް އެކަނި ހާއްސަ އުސޫލެއް އޮތުމަކީ އަދީބާމެދު ސަރުކާރުން ގާނޫނާ ހިލާފަށް އަމަލު ބަހައްޓާނެ ކަމުގެ ހެއްކެއް ކަމަށެވެ. އަދި ފުލުހުންގެ ހައްޔަރުގައި ތިބޭ އެހެން މީހުންނަށް އާއިލާއާއި ބައްދަލުކޮށް ވަކި މާހައުލެއްގައި ވާހަކަ ދެއްކުމުގެ ފުރުސަތު ލިބޭއިރު އަދީބަށް އެ ފުރުސަތު ހަނިކުރެވިފައިވުމަކީ ގާނޫނު އަސާސީއާއި ރާއްޖެ ބައިވެރިވެފައިވާ ބައިނަލް އަގްވާމީ މުއާހަދާތަކާވެސް ހިލާފު ކަމެއް ކަމަށް ވަކީލުން ބުނެ އެވެ.

އަދީބާއި ދޭތެރޭ، ބަންދުގައި ތިބޭ އެހެންވެސް މީހުންނާ ދޭތެރޭ އަމަލުކުރާ އުސޫލުން ކަންކަން ކުރުމަށް އެ މައްސަލަ ކޯޓަށް ހުށަހެޅި އަދީބުގެ ވަކީލުން ވަނީ އެދިފަ އެވެ. އަދި އެގޮތަށް އަމަލުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމަށްވެސް ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ވަކީލުން ވަނީ އެދިފަ އެވެ.