ދުނިޔެ

ސައޫދީ އަރަބިއްޔާ އާއި ޗައިނާގެ ވާވޭ ޓެކްނޮލޮޖީޒް އެއްބަސްވުމެއްގައި ސޮއިކޮށްފި

ސައުދީ އަރަބިއްޔާއިން ޗައިނާގެ ވާވޭ ޓެކްނޮލޮޖީސް އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. މިއީ ސައޫދީއަށް މިހާރު ވަޑައިގެން އުޅުއްވާ ޗައިނާގެ ރައީސް، ޝީ ޖިންޕިންގެ ދަތުރުގައި ސޮއިކުރުމަށް ކުރިއާލައި ހަމަޖެހިފައި އޮތް އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގެ ދަށުން ސައޫދީގައި ކްލައުޑު ކޮމްޕިއުޓިން ގާއިމުކުރުމަށް ޑާޓާ ސެންޓަރުތައް ބިނާކުރުމާއި ސައުދީ ސިޓިތަކުގައި ވާވޭ ޓެކްނޮލޮޖީޒްގެ ޒަމާނީ ވަސީލަތްތައް ގާއިމުކުރާނެ އެވެ.

ޗައިނާގެ ވާވޭ ޓެކްނޮލޮޖީޒް އަކީ އެމެރިކާ އާއި އިނގިރޭސިވިލާތް އަދި އެމެރިކާ ބުނާހާ ގޮތެއް ހަދަން ތައްޔާރަށް ތިބި ގައުމުތަކުން މަނާކޮށްފައި އޮތް ކުންފުންޏެކެވެ. އެ މީހުން ގަބޫލުކުރާ ގޮތުގައި ވާވޭގެ އުފެއްދުންތައް -- އިލެކްޓްރޯނިކް އާލާތައް އުފައްދާފައި ހުންނަނީ ޖާސޫސްކުރެވޭ ގޮތަށެވެ.

ވަވޭ އާއި ޗައިނާގެ ކޮމިއުނިސްޓް ޕާޓީ -- ވެރިކަންކުރާ ޕާޓީއާ ދެމެދު އޮންނަ އަޑިނޭނގޭ ގުޅުމެއްގައި، ވާވޭއިން އުފައްދައި ދުނިޔެއަށް އެކްސްޕޯޓްކުރާ ނެޓްވޯކް ސްވިޗާއި މުވާސަލާތީ އިކުއިޕްމަންޓްތައް ހުންނަނީ ކޮމިއުނިސްޓް ޕާޓީއަށް ބޭނުންހިފޭ ގޮތަށެވެ.

މި ގޮތުން މިފަދަ އާލާތައް ބޭނުންކުރާ ގައުމުތަކުގައި އެ ވަގުތަކު މަސްރަހު އޮންނަ ގޮތް ޗައިނާ ސަރުކާރަށް ދެނެގަނެވެ އެވެ.

އަދި އެ އާލާތެއް ބޭނުންކުރާ މާހައުލެއްގައި ދައްކާ ވާހަކަ އަޑުއެހުމާއި، ކޮމްޕިއުޓާރާއި ސްމާޓްފޯނުތަކުން ކުރެވޭ މުއާމާލާތައް ވެސް ޗައިނާ ސަރުކާރަށް ދެނެގަނެވެ އެވެ. ވާވޭ ޓެކްނޮލޮޖީޒްއިން އޮންނަނީ އެ ފުރުސަތު ޗައިނާ ސަރުކާރަށް ފަހިކޮށްދީފަ އެވެ.

އެހެން ނަމަވެސް، އެމެރިކާ ބުނާ އެއްޗަކަށް ވުރެ ދުނިޔޭގެ ބައެއް ގައުމުތަކަށް ޗައިނާ މާ މުހިންމެވެ. އެމެރިކާއިން ފާޑުކިޔައި ކަންތައްތައް މާނާކުރާއިރު ޗައިނާއިން ފަހިކޮށްދޭ ވަރުގެ ފުރުސަތުތައް އެމެރިކާއަކަށް ފަހިކޮށްދެވިފައެއް ނޯވެ އެވެ.

އެހެންކަމުން، އެމެރިކާ ގޮވާ ގޮވުމަކަށް ނުބަލައި ދުނިޔޭގެ ބައެއް ގައުމުތަކުން "ފައިވްޖީ" ނެޓްވޯކްތައް އެޅުމުގައި ވާވޭއަށް ބަރޯސާކުރެ އެވެ. ސައުދީ ހިމެނޭ ގޮތުން ގަލްފް ގައުމުތަކުން ވެސް ޗައިނާއާ ގުޅުން ބަދަހިކޮށް ވަސީލަތްތައް ގާއިމުކުރުމަށް ވާވޭއަށް ވަނީ ފުރުސަތުދީފަ އެވެ.

ސައުދީ ބުނާ ގޮތުން އެއްވެސް ބައެއްގެ ކޮޅަށް އަރައި ވަކި ބަޔަކަށް ބުވަރުން ދެން އިއާދައެއް ނުކުރާނެ އެވެ. ސައުދީން ބަލާނީ އެ ވަގުތަކު ގައުމަށް ފައިދާ ބޮޑު ގޮތެވެ. ބަޔަކު ދޭ ވަސްވާހަކުން ސައޫދީގެ ތަރައްގީއަށް ހުރި ޕްރޮޖެކްޓްތައް ހުއްޓުވުމެއް ނޯންނާނެ ކަމަށް ވެސް ސައުދީން ވަނީ ބުނެފަ އެވެ.