ޗައިނާ-ގަލްފް ފްރީ ޓްރޭޑް ޒޯނެއް އުފެއްދުމަކީ ރިޔާޒަށާއި ބެއިޖީންއަށް ހެޔޮ ވިސްނުމެއް ގޮތުގައި ފާހަގަކުރެފައި އޮތް ކަމަށް ސައޫދީގެ ވަލީއަހުދު -- ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ވިދާޅުވެއްޖެ އެވެ.
ބިން ސަލްމާން ވިދާޅުވި ގޮތުގައި ގަލްފް ކޯއޮޕަރޭޝަން ކައުންސިލް (ޖީސީސީ) ގައުމުތައް ޝާމިލްވާ ގޮތުން ޗައިނާ އާއެކު ފްރީ ޓްރޭޑް ޒޯނެއް އުފެއްދެވުމަށް ގައުމުތަކުގެ މެދުގައި މަޝްވަރާތައް ފައްޓަވާނެ އެވެ. ޖީސީސީ ގައުމުތަކަކީ ބަހްރެއިން، ކުވައިތު، އޮމާން، ގަތަރު، ސައޫދީ އަރަބިއްޔާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އެވެ.
ޗައިނާގެ ރައީސް، ޝީ ޖިންޕިން ސައޫދީއަށް ކުރައްވާ ދަތުރާ ގުޅުވައިގެން ސައުދީގެ ވެރިރަށް ރިޔާޒްގައި ބޭއްވި ޗައިނާ-ގަލްފް ސަމިޓްގައި ވާހަކަދައްކަވަމުން ސައޫދީގެ ބޮޑުވަޒީރު، ބިން ސަލްމާން ވިދާޅުވީ ޗައިނާ އާއެކު ފްރީ ޓްރޭޑް ޒޯނެއް އުފެއްދެވުމުގެ ބޭނުންފުޅަކީ ކާބޯތަކެއްޗާއި ހަކަތައިގެ ރައްކާތެރިކަން ކަށަވަރު ކުރެއްވުން ކަމަށެވެ.
ބޮޑުވަޒީރު އަދި ވިދާޅުވީ ފްރީ ޓްރޭޑް ޒޯނެއް އުފެއްދުމަށް ޖީސީސީ ގައުމުތަކުން އެއްބާލުން ލިބިވަޑައިގަންނަވާ ކަމަށާއި އެއީ ހުރިޙާ ގައުމަކަށް އޮތް ލާބައެއް ކަމަށެވެ.
ބެއިޖިން އާއެކު ސަޕްލައި ޗެއިން ވަރުގަދަ ކުރުމަކީ ޗައިނާއަށާއި ޖީސީސީ ގައުމުތަކަށް ވެސް އޮތް ވަރަށް ބޮޑު ފައިދާއެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް މުހައްމަދު ބިން ސަލްމާން ވިދާޅުވި އެވެ.
މި ސަމިޓުގައި ވާހަކަދައްކަވަމުން ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވީ ބެއިޖިން އާއި ޖީސީސީ ގުޅިގެން އިންވެސްޓްމަންޓް ކައުންސިލެއް އުފައްދަވާނެ ކަމަށެވެ. އަދި ސުލްހަވެރި ބޭނުންތަކަށް ނިއުކްލިއާ ހަކަތަ ބޭނުންކުރުމުގައި ރައްކާތެރިކަމަށް ހާއްސަ ސެންޓަރެއް ގާއިމުކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޝީ ޖިންޕިން ސައޫދީއަށް ކުރެއްވި ދަތުރުގައި -- ދެ ގައުމުގެ ދެމެދުގައި 34 އިންވެސްޓްމަންޓް އެއްބަސްވުމެއްގައި ސޮއިކުރެއްވި އެވެ.
މި އެއްބަސްވުންތަކަށް ފަހު ސައޫދީގެ އިންވެސްޓްމަންޓް މިނިސްޓަރު، ޚާލިދު ބިން އަބްދުލްއަޒީޒް އަލްފާލިހް ލޯކަލް މީޑިއާއަށް ވިދާޅުވީ އެއްބަސްވުންތައް ރަމްޒުކޮށްދެނީ ގުޅުން ބަދަހި ކުރުމަށް ރިޔާޒާއިން ބެއިޖިން އޮތް ޝާއުގުވެރިކަން ކަމަށެވެ.
ޝީ ޖިންޕިންގެ ވާހަކަފުޅުގައި ސައޫދީއަށް ވަރަށް ބޮޑަށް ތައުރީފް ކުރެއްވި އެވެ.
ދުނިޔޭގައި މިހާރު އޮތް މަސްރަހަށް އަލިއަޅުއްވާ ލައްވައި ޝީ ވިދާޅުވީ ބާރުތައް ގިނަ ދުނިޔެއެއްގައި ސައޫދީ އަކީ މުހިންމު ނާރެހެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
އެހެންކަމުން ސައޫދީ އާއެކު ގާތް ގުޅުމެއް އޮތުމަކީ ދެމެހެއްޓެނިވި ތަރައްގީއަށް އޮތް ޔަގީން ކަމެއް ކަމަށް ވެސް ޝީ ވިދާޅުވި އެވެ.