ލައިފްސްޓައިލް

ބޮޑު ސާޖަރީއެއް ހެދިއިރު ހޭލާ ވޯލްޑްކަޕް މެޗެއް ބަލަން

ޕޮލެންޑް މީހެއްގެ ވަރަށް ބޮޑު ސާޖަރީއެއް ހަދަމުންދިޔަ ވަގުތު އޭނާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތެއް ބަލަން ވަރަށް ހަމަޖެހިލައިގެން އޮންނަ މަންޒަރުގެ ވީޑީއޯއެއް އިންޓަނެޓުގައި ދައުރުވެ ގިނަ ބަޔަކު މިމީހާގެ ހިތްވަރާއި ކެރުމަށް ތައުރީފުކޮށްފި އެވެ.

ވޯލްޑްކަޕް މެޗެއް ބަލަން އޮޕަރޭޝަން ތިއޭޓަރު ތެރޭގައި މިމީހާ އޮތްއިރު އޭނާގެ ސާޖަރީ ހެދުމުގައި ދެ ޑޮކްޓަރަކު ވަރަށް ބުރަކޮށް އުޅެމުން ދިޔަ އެވެ. މިމީހާގެ ސާޖަރީ ހެދީ ސްޕައިނަލް އެނެސްތީސިއާ ދީގެން ކަމަށްވާތީ އޭނާއަކަށް ހޭވެރިކަން ހުއްޓެވެ. އެހެންވެ އެ ވަގުތުކޮޅުގެ ބޭނުން އެމީހާ ވަނީ ހިތްހަމަޖެހޭ ކަމެއް ކޮށްލުމުގައި ހޭދަކޮށްފަ އެވެ.

މި ވީޑީއޯއަށް ކޮމެންޓްކުރި މީހަކު ފީފާޑޮޓްކޮމް ޓެގްކޮށް ކުރި ޓުވީޓެއްގައި މި މީހާއަށް ވެސް ޓްރޮފީއެއް ހައްގުނޫންތޯ ސުވާލުކޮށްފައި ވެއެވެ.

މި މީހާގެ ހިތްވަރާއި ފުޓުބޯޅަ ބެލުމަށް ހުރި ޝައުގުވެރިކަން ފެނިފައި ހައިރާންވެއްޖެކަމަށް ވެސް ބައެއް މީހުން ކޮމެންޓްކޮށްފައި ވެއެވެ.

ކޮމެންޓުކުރި އިތުރު މީހަކު ބުނީ އިންޑިޔާގައި ކްރިކެޓް ވޯލްޑްކަޕް ދައްކާނަމަ ޑޮކްޓަރުން އެމީހުންގެ ކަތުރުތައް ވެސް ދޫކޮށްލާފައި އެ ބަލަން ތިބޭނެ ކަމަށެވެ.

އަދި އެހެން މީހަކު ބުނީ ސާޖަރީ ހަދަން ތިބި ޑޮކްޓަރުން ސާޖަރީ ހުއްޓާލާފައި ފުޓުބޯޅަ ބަލަން ނުފަށާހާ ހިނދަކު އެމީހާ އޯކޭ ވާނެ ކަމަށެވެ.