ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތަކީ ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު އޮންނަ އެއްޗަކަށް ވާތީ ވަރަށް ގިނަ ބަޔަކު މި މުބާރާތުގެ ހުރިހާ މެޗެއް ހޭލަ ތިބެގެން ވެސް ބަލަ އެވެ.
ގަތަރުގައި މިހާރު ކުރިޔަށް ދާ މި މުބާރާތުގެ މެޗުތައް މިދިޔަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން ކުރިޔަށް ދާއިރު ހުރިހާ މެޗެއް ނުނިދާ އިނދެ ބަލަން ހަދައިގެން ޗައިނާގެ ހޫބޭ މީހަކަށް ވަނީ ސިއްހީ ވަރަށް ބޮޑު މައްސަލައެއް ދިމާވެފައި ކަމަށް އެ ގައުމަކުން ނޫހަކުން ބުނެފައި ވެއެވެ.
މި މީހާ ހަފުތާއެއް ވަންދެން ކޮންމެ ރެއަކު ނުނިދާ ހޭލާ ފުޓުބޯޅަ މެޗުތައް ބަލަން އިނުމުން އޭނާގެ މޫނުގެ އެއްފަޅި ވަނީ ވާގިނެތިފަ އެވެ.
މިސްޓަ ޗޫ ބުނި ގޮތުގައި ވޯލްޑް ކަޕް ފެށުނީއްސުރެ އޭނާ އެންމެ މެޗެއް ވެސް ނުބަލާ ދޫކޮށެއް ނުލަ އެވެ. އެހެންވެ އެވްރެޖްކޮށް ރެއަކާ ދުވާލު އޭނާއަށް ނިދާލެވެނީ އެންމެ ދެ ގަޑިއިރެވެ. އެއީ ހެނދުނު ހެނދުނާ މޮޓޯ ސައިކަލު ދުއްވާފައި ވަރަށް ދުރުގައި ހުންނަ އޮފީހަކަށް ގޮސް ވަރަށް ބުރަކޮށް އިރުއޮއްސެން ކައިރިވަންދެން އުޅެން ޖެހޭތީ އެވެ.
"ނޮވެމްބަރު 30 ވަނަ ދުވަހު އަހަރެން މެޗު ބަލަން އިނދެފައި ދެ ގަޑިއެއްހާއިރު ނިދާލީ. ހޭލެވުނުއިރު އާދަޔާޚިލާފަށް ވަރުބަލިކަން އިހްސާސް ކުރެވުނު. އެއީ ނިދި މަދުވެގެން ވީކަމެއް ކަމަށް ހީކޮށް ތައްޔާރުވެލައިގެން އޮފީހަށް ދިޔައީ. ދިޔައިރުވެސް ހިތަށް އަރާ ތުންފަތް އެއް ފަރާތުން މާ ބޮޑަށް މައްޗަށް އަރާފައޭ އިންނަނީ. އަދި ލޮލުގެ ބޮނޑި ވެސް ކޮންޓްރޯލެއް ނުކުރެވޭ،" ޗޫ ކިޔައިދިނެވެ.
ޗޫ ބުނި ގޮތުގައި އެކަމާ މާ ބޮޑަށް ނުވިސްނާ އޭނާ އޮފީހުގައި ކުޑަކޮށް ރެސްޓް ކުރެވޭތޯ މަސައްކަތް ކުރި އެވެ. ނަމަވެސް އޭނާގެ ހާލު ރަނގަޅުނުވާކަން އެނގި އަދި އޮފީހުގައި ކުރަން ޖެހޭ މަސައްކަތް ވެސް އެއްގޮތަކަށް ވެސް ނުކުރެވޭތީ އެންމެ ފަހުން އޭނާ ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށް ދެއްކީ އެވެ.
"ޑޮކްޓަރު ބުނި ފޭޝިއަލް ޕަލްސީ އޭ އަހަރެންގެ ބައްޔަކީ،" ޗޫ ބުންޏެވެ.
ޗޫ ބެލި ޑޮކްޓަރުން ބުނި ގޮތުގައި ނިދި މަދުވުމުންނާއި ފަންކާ ނުވަތަ އެއާކޯންގެ ވައި ސީދާ މޫނަށް ޖެހޭ ގޮތަށް ގިނައިރު އިނުމުގެ ސަބަބުން މޫނުގެ އެއްފަޅީގެ ކޮންޓްރޯލް ގެއްލުނީ އެވެ.
ކަށި ހަރައިގެންދޭ އެކުޕަންކްޗާ ފަރުވާ އާއި މޫނުގެ މަސާޖްތަކެއް ކޮށްގެން ޗޫގެ ހާލަތު މިހާރު ވަރަށް ބޮޑަށް ރަނގަޅުވެފައި ވެއެވެ.