އެއްބަނޑު އެއްބަފާ ކުދިން އެއް އާއިލާއެއްގެ ކުދިންނާ ކައިވެނި ކުރުމަކީ ވަރަށް ގިނައިން ފެންނަ ކަމެކެވެ. ނަމަވެސް އެއްމާބަނޑު ދެބެން ހަމަ އެފަދަ އެއްމާބަނޑު ދެބެންނާ ކައިވެނިކުރާތަން ފެންނަނީ ވަރަށް މަދުންނެވެ.
އަރްޕިތާ އާއި ޕަރަމީތާ އަކީ އިންޑިޔާގެ ވެސްޓް ބެންގާލްގެ އީސްޓް ބުރުދްވާންގައި ދިރިއުޅޭ އެއްމާބަނޑު ދެބެންނެވެ. އެމީހުން ކައިވެނި ކުރަނީ ލަވް އާއި ކުޝް ނަމަކަށް ކިޔާ އެއްމާބަނޑު ދެބެންނާ އެވެ.
އަރްޕިތާ އާއި ޕަރަމީތާ އަކީ މުޅި އުމުރު އެކުގައި ދިރިއުޅުނު ދެބެންނެވެ. އެންމެ ވަގުތުކޮޅަކަށް ނަމަވެސް ދެބެން އެކަކު އަނެކަކާ ވަކިން ދިރިއުޅެފައެއް ނުވެ އެވެ. އެކުދިން ކިޔެވީ އެއް ސްކޫލުންނެވެ. އަދި ކޮލެޖަށް ދިޔައިރުވެސް ދިޔައީ ހަމަ އެ ކޮލެޖަކަށެވެ. އެހެންވެ އެދެބެން އެއްމާބަނޑު ދެ ފިރިހެންކުދިންނާ ކައިވެނިކުރުމަކީ އެމީހުން ވަރަށް ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެނެކެވެ. އޭރުން ދެބެންނަށް އެކަކު އަނެކަކާ ވަކިވެގެން އެހެން ގޭގެއަށް ދާން ނުޖެހޭނެކަމުގެ އުންމީދުގަ އެވެ.
އަރްޕިތާ އާއި ޕަރަމީތާގެ ބައްޕަ އަކީ ފެކްޓްރީއެއްގައި މަސައްކަތްކުރާ މީހެކެވެ. ދެ ދަރިން ކިޔަވާނިމި ކައިވެނި ކުރާ އުމުރަށް އެޅުމުން އެ މީހުން ކައިވެނިކުރާނެ ރަނގަޅު މީހުން ހޯދުމުގެ މަސައްކަތް ދެބެންގެ ބައްޕަ ފެށި އެވެ.
އެއްމާބަނޑު ދެ ފިރިހެންކުދިންގެ އާއިލާއިން ވެސް އޭރު ގެންދިޔައީ އެމީހުންގެ ދަރިން ކައިވެނިކުރާނެ އަންހެންކުދިން ހޯދަމުންނެވެ. އަދި މި ފިރިހެން ދެކުދިން ވެސް ބޭނުންވީ އެމީހުން ފަދަ އެއްމާބަނޑު ދެ އަންހެންކުދިންނާ ކައިވެނިކުރާށެވެ.
މިކަން އެނގުމުން އަންހެން ދެބެންގެ ބައްޕަ މެދުވެރިވެގެން މި ފިރިހެންކުދިންގެ އާއިލާއަށް ގުޅައިގެން ހަތަރު މީހުންގެ ކައިވެނި ހަމަޖެއްސީ އެވެ.
ކައިވެނީގެ ރަސްމިއްޔާތުގައި އަންހެން ދެބޭން ލައިގެން ތިބީ މުޅިން އެއް ކަހަލަ ހެދުމެކެވެ. އަދި ފިރިހެން ދެބެން ވެސް ހެދުން އެޅީ މުޅިން އެއްގޮތަކަށެވެ.
އެހެންވެ ގިނަ މީހުންނަށް ދެ ކުދިން ވަކިކުރަން ނޭނގި ކައިވެނީގައި ހަފުލާގައި މިކަން ވެސް ވީ ވަރަށް މަޖާ ކަމަކަށެވެ.