ލައިފްސްޓައިލް

ހޭނުނައްތާ ބަނޑުގެ ސާޖަރީއެއް، ބިރުވެރި ތަޖުރިބާއެއް

އިންޑިއާގެ ބިހާރުގެ އަލައުލީ އަވަށުގައި ދިރިއުޅޭ ދަޔާމަނީ ދޭވީ ކިޔާ އަންހެނަކު ހޭ ނުނައްތާ ބާއްވައިގެން ބަނޑުގެ ބޮޑު ސާޖަރީއެއް ހަދައިފި އެވެ.

މި ބިރުވެރި ތަޖުރިބާ ކިޔައިދެމުން އޭނާ ބުނީ ޓިއުބެކްޓަމީ ކިޔާ ސާޖަރީއެއް މިދިޔަ މަހު ހެދިއިރު އެ ސާޖަރީ ހެދީ އޭނާ އެއްގޮތަކަށް ވެސް ހޭ ނުނައްތާ ބާއްވައިގެންނެވެ.

ބިހާރު ސަރުކާރުން ހިންގާ ދެ ހެލްތު ސެންޓަރުގެ ތެރެއިން އަލައުލީ ހެލްތު ސެންޓަރުގައި މިދިޔަ މަހު ޓިއުބެކްޓަމީ ހެދި 24 އަންހެނުންގެ ތެރޭގައި ދަޔާމަނީ ހިމެނެ އެވެ. ޓިއުބެކްޓަމީ އަކީ ދަރިން ނުލިބޭ ގޮތް ހެދުމަށް ހަދާ ސާޖަރީ އެކެވެ.

ޓިއުބެކްޓަމީ ސާޖަރީ އާއްމުކޮށް ހަދަނީ ލޯކަލް އެނެސްތީސިއާ ދީގެންނެވެ. ނަމަވެސް ދަޔާމަނީގެ ސާޖަރީ ހެދިއިރު އޭނާއަށް އެއްވެސް ވަރަކަށް އެނެސްތީސިއާ ނުދެ އެވެ. ސާޖަރީ ހެދިއިރު އޭނާ އޮތީ ހަމަ ހޭގަ އެވެ. އަދި އޮޕަރޭޓިން ޓޭބަލް މަތީގައި އޮތްއިރު އަޅާ ވޭނުން ބާރު ބާރަށް ރޮމުން ގެންދިޔަ އެވެ.

އޭގެ ފަހުން މަހެއްހާ ދުވަސް ފަހުން މި އިންޓަވިއު ދިންއިރު ދަޔާމަނީގެ ކިބައިން ފެނުނީ ހިތްވަރު ގަދަ ކަމެވެ. އެހާ ވަރުގަދަ ވޭނެއް ތަހައްމަލު ކުރެވޭނީ ހަމަގައިމުވެސް ވަރަށް ހިތްވަރުގަދަ މީހަކަށެވެ.

"ސާޖަރީ ހެދިއިރު ބަނޑުގެ ތަންތަން ކަފާ ފަޅާ ހެދިއިރު އަހަރެން އޮތީ ހަމަ ހޭގައި. އަހަރެންގެ ހަޅޭކަކަށް އެމީހުން އަޅައެއް ނުލި،" ދަޔާމަނީ ބުންޏެވެ.

ދަރިން ނުލިބޭ ގޮތް ހަދަން ޖެހުނު ސަބަބު ވެސް އޭނާ ކިޔައިދިނެވެ. އެއީ އޭނާގެ މިހާރު ތިބި ދަރިންނަށް ރަނގަޅު ތައުލީމުދީ ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށެވެ.

އުމުރުން 30 އަހަރުގެ މަންމަ ބުނީ އޭނާގެ ދަރިން މަސައްކަތު މީހުންނަށް ވެގެން މުޅި އުމުރު ހޭދަކުރާތަން ދެކެން ބޭނުން ނުވާ ކަމަށެވެ. ދެ މަހުގެ ތުއްތު ދަރިފުޅު ސާޅީގެ ކަންގަނޑުން ފޮރުވައިގެން އިނދެ ދަޔާމަނީ ބުނީ ފިރިމީހާ އަކީ ވެސް މަސައްކަތު މީހެއްގެ ގޮތުގައި ރެޔާ ދުވާލު ބުރަ މަސައްކަތްކުރާ މީހެއް ކަމަށެވެ. އަދި އެހާ ބުރަކޮށް އުޅެގެން ލިބޭ ފައިސާކޮޅުން އާއިލާގެ ޚަރަދުތައް ފޫބައްދަން ދަތި ކަމަށެވެ.

ދަޔާމަނީއާ އެކު ސާޖަރީ ހެދި 24 އަންހެނުންނަކީ ސަރުކާރުން ސްޕޮންސާކޮށްގެން އެންޖީއޯ އަކުން ހިންގި ކެމްޕޭނެއްގެ ދަށުން ސާޖަރީ ހަދައިދިން 53 މީހުންގެ ގްރޫޕްގެ ބައެކެވެ. ޓިއުބެކްޓަމީ އަކީ ސާޖަރީ ހަދައިގެން ފެލޯޕިއަން ޓިއުބުގައި ކްލިޕެއް އެޅުވުމެވެ.

މިފަހަރު ސާޖަރީ ހަދައިދިން އަންހެނުންގެ ތެރެއިން ބައެއް މީހުންގެ ފަސް ދަރިން އަނެއްބައި މީހުންގެ ތިން ދަރިން އެބަތިއްބެވެ. އެމީހުންގެ ފަގީރު ހާލު ބޮޑުކަމުން އިތުރު ދަރިން ހޯދައިގެން އެ ދަރިން މަގުމައްޗަށް ގިނަކުރަން ބޭނުން ނުވާތީ އެމީހުންނަށް ސާޖަރީ ހަދަން މަޖްބޫރުވަނީ އެވެ.

ދަޔާމަނީއާ އެކު ސާޖަރީ ހެދި ވަރަށް ގިނަ އަންހެނުން ހަމަ މި ޝަކުވާ ކޮށްފައި ވެއެވެ. އެކަކު ބުނީ އޭނާގެ ބަނޑު ކަފާލައި ނާރު ދަމާ ނެރުނުއިރު އޭނާއަށް ވީ ތަދު ބުނެދޭން ވެސް ނޭނގޭ ކަމަށެވެ. އަދި ސާޖަރީ ހެދުމަށްފަހު ގިނަ މީހުންގެ ސާޖަރީ ހެދި ތަން ފަހަން ހަވާލުކުރަނީ ވެސް ދަސްކުރާ ޑޮކްޓަރުންނާ ކަމަށާއި ބައެއް މީހުންގެ އެތަން ފަސޭހަ ނުވެ އެތައް ދުވަހަކު އެ ވޭނުގައި އުޅެން ޖެހުނު ކަމަށް ޝަކުވާކުރި މީހުން ބުނެފައި ވެއެވެ.