ޕާކިސްތާނަށް އެހީވުމަށާް ދެ ލައްކަ ރުފިޔާގެ އެހީއެއް މ. އަތޮޅުން ހަދިޔާކޮށްފި އެވެ.
އަވަސް އަށް މައުލޫމާތު ދެއްވަމުން މ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލް ވިދާޅުވީ އެ ފައިސާ ޖަމާކޮށްފައިވަނީ މ. އަތޮޅުގެ ހުރިހާ ރަށެއްގައި ފަންޑް ފޮށި ބެހެއްޓުމުގެ އިތުރުން އަތޮޅު ކައުންސިލްގެ އެހީތެރިކަމާ އެކުގައި ކަމަށެވެ.
ޕާކިސްތާންގެ ހައި ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި މ. އަތޮޅުގެ ފަރާތުން ދެ ލައްކަ ރުފިޔާ ޕާކިސްތާނަށް ހަވާލުކޮށްދެއްވީ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލެވެ. ޕާކިސްތާނުގެ ފަރާތުން ފައިސާއާ ހަވާލުވީ ޕާކިސްތާންގެ އެކްޓިން ހައި ކޮމިޝަނާ ޒުލްގަރުނައިން އަހުމަދެވެ.
މިރަސްމިއްޔާތުގައި މ. އަތޮޅު ކައުންސިލުގެ ރައީސްގެ އިިތުރުން ނައިބު ރައީސް އަދި ސެކްރެޓަރީ ޖެނެރަލް އާއި މ. ނާލާފުށީ ކައުންސިލްގެ ރައީސް ވެސް ބައިވެރިވެވަޑައިގަތެވެ.
މިރަސްމިއްޔާތުގައި ޕާކިސްތާންގެ އެކްޓިން ހައި ކޮމިޝަނާ ވަނީ ރާއްޖެއާ ޕާކިސްތާނާ ދެމެދުގައިވާ އިސްލާމީ އަހްވަންތަ ގުޅުން ފާހަގަކުރައްވައި ޕާކިސްތާން ރައްޔިތުން އަބަދުވެސް ދިވެހިންނަށް ހެޔޮ އެދޭ ކަމަށް ވިދާޅުވެފަ އެވެ.
ޕާކިސްތާނަށް މިދިޔަ ޖޫން މަހުން ފެށިގެން ބޯކޮށް ވާރޭވެހި ފެން ބޮޑުވުމުގެ ސަބަބުން އެ ގައުމުގެ އެތައް މިލިއަން ބަޔަކު ހާލުގައި ޖެހި އެތައް ސަތޭކަ ބަޔަކު މަރުވެފައިވެ އެވެ. އަދި ގިނަ އަދަދެއްގެ ޖަނަވާރުތައް ވެސް ގެއްލި މަރުވެފައިވެ އެވެ.