ދުނިޔެ

އިރާނާއި ރަޝިއާގެ ދިފާއީ ގުޅުން ދަނީ ބަދަހިވަމުން: އެމެރިކާ

Dec 28, 2022

ރަޝިއާ އިން އިރާންގެ އަސްކަރީ ގާބިލްކަން އިތުރުކުރުމަށް އެންމެ ޒަމާނީ އަސްކަރީ އެހީއާއި މައުލޫމާތު ފޯރޮކޮށްދޭ ކަމަށް އެމެރިކާ އިން ތުހުމަތުކޮށްފި އެވެ.

އެމެރިކާ އިން އެއްކޮށްފައިވާ ޖާސޫސީ މައުލޫމާތުތަކަކަށް ބިނާކޮށް ވައިޓްހައުސްގެ ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު ޖޯން ކާބީ ވިދާޅުވީ ރަޝިއާއިން އިރާނަށް ދެމުން ދަނީ އަދި މިހާތަނަށް ހީވެސް ނުވާވަރުގެ އަސްކަރީ އަދި ޓެކްނިކަލް އެހީތަކެއް ކަމަށެވެ. އެ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިވެ، އުފެދެމުން އެދަނީ ވަރުގަދަ ދިފާއީ ގުޅުމެއް ކަމުގައިވެސް ވިދާޅުވި އެވެ.

އެމެރިކާ އިން ތުހުމަތުކުރާ ގޮތުގައި ރަޝިއާ އާއި އިރާނުން ވަނީ އެންމެ ޒަމާނީ އަސްކަރީ ހެލިކޮޕްޓަރާއި، ޖެޓް އަދި އަސްކަރީ ޑްރޯން ދެ ގައުމުގެ ދެމެދުގައި ބަދަލުކޮށްފަ އެވެ.

އިރާނާއި ރަޝިއާ އާއި ދެމެދު އަސްކަރީ ގުޅުންތައް ބަދަހިވަމުންދާތީ އެމެރިކާ އިން މީގެކުރިންވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

އެމެރިކާ އިން ބުނާ ގޮތުގައި ރަޝިއާ އިން ޔުކްރޭން ހަނގުރާމައިގައި ބޭނުންކުރުމަށް އިރާނުން އަސްކަރީ ޑްރޯންތަކެއް ދިނުމާ ގުޅިގެން ރަޝިއާ އިން ވަނީ އެ ގައުމުގައި އުފައްދާ ޝުކްހޮއި ސޫ-35ގެ ހަނގުރާމަވެރި ޖެޓްތައް އުދުއްސަންވީ ގޮތުގެ ތަމްރީންތަކެއް އީރާނުގެ ޕައިލެޓުންނަށް ދީފަ އެވެ.

ކާބީ ވިދާޅުވި ގޮތުގައި މި ޖެޓްތަކުގެ ސަބަބުން އިރާނުގެ އަވަށްޓެރި ގައުމުތަކަށް ވުރެ އިރާންގެ ވައިގެ ދިފާއީ ލަޝްކަރު އެތައް ގުނަ ބާރުގަދަވެ ސަރަހައްދުގައި ނުތަނަވަސްކަން ބޮޑުވާނެ އެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން ވިދާޅުވީ އިރާނަށް ދަތިކުރަން އެމެރިކާ އަށް އެޅޭނެ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށެވެ. އިރާންގެ ސަބަބުން އެހެން ގައުމުތަކަށް ބިރުވެެރިކަމެއް އޮވެގެން ނުވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

އިރާނުން ވަނީ ރަޝިއާ އަށް ހަނގުރާމައިގެ ޑްރޯންތަކެއް ފޮނުވާފައިވާ ކަމަށް މިދިޔަ ނޮވެމްބަރު މަހު އިއުތިރާފްވެފަ އެވެ. ނަމަވެސް އެ ހަތިޔާރުތައް ފޮނުވިފައިވާނީ ރަޝިއާ އިން ޔުކްރޭނަށް އަރައިގަތުމުގެ ކުރިން ކަމަށްވެސް ބުނެފައިވެ އެވެ.