އަލިފާން

އަލިފާނުގެ ހާދިސާއެއްގައި މީހަކު ވަރަށް ބޮޑަށް ފިހިއްޖެ

ގދ. ގައްދޫގެ ގެއެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި އުމުރުން ދުވަސްވީ ފިރިހެނަކު ވަރަށް ބޮޑަށް ފިހިއްޖެ އެވެ.

އަވަސްއަށް މައުލޫމާތު ދެމުން ގައްދޫ ކައުސިލުން މައުލޫމާތު ދިން ގޮތުގައި އުމުރުން 80 އަހަރުގެ ފިރިހެން މީހަކު ވަރަށް ބޮޑަށް ފިހިގެން އެރަށު ހޮސްޕިޓަލަށް ރޭގެ ވަގުތެއްގައި ގެންގޮސްފައިވާ ކަމަށެވެ.

އިތުރު ފަރުވާއަށް އެ މީހާއަށް މިހާރު ވަނީ ގދ. ތިނަދޫއަށް ގެންގޮސްފަ އެވެ.

އަލިފާން ރޯވި ގޭގައި ދިރިއުޅެމުން ދިޔައީ މުސްކުޅި ދެމަފިރިން ކަމަށާއި އަންހެން މީހާއަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ކައުންސިލުން މައުލޫމާތު ދިނެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި އަލިފާން ރޯވެފައިވަނީ އެގޭގެ ބަދިގޭގައި ހުރި ގޭސްފުޅިން ގޭސް ލީކުވެފައި ހުއްޓާ އަލިފާން ރޯ ކުރުމުގެ ސަބަބުންނެވެ. އަދި އެގޭގައި އެހާ ބޮޑަށް ހުޅު ހިފާފައި ނުވާ ކަމަށްވެސް މައުލޫމާތު ލިބެ އެވެ.