ކަނޑުމަތީގެ ހާދިސާ

ތިނަދޫ އަލިފާން: އިތުރު މީހަކު މަރުވެއްޖެ

ގދ. ތިނަދޫ ފަޅުތެރޭގައި އޮތް ދޯންޏެއްގައި ގޭސް ފުޅިއެއް ގޮވައި އަލިފާން ރޯވި ހާދިސާގައި ފިހުނު މީހުންގެ ތެރެއިން މާލޭގައި ފަރުވާ ދެމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.

މިއީ މި ހާދިސާގެ ތެރޭގައި އެކިވަރަށް ފިިހި އަނިޔާވި މީހުންގެ ތެރެއިން މަރުވި ދެވަނަ މީހާ އެވެ. ތިނަދޫ ފަޅުތެރޭގައި އޮތް ދޯންޏެއްގައި އަލިފާނުގެ އެ ހާދިސާ ހިނގީ މިދިއަ މަހުގެ 23 ވަނަ ދުވަހު އެވެ. އޭގެ ތެރެއިން ފަރުވާއަށް މާލެ ގެނައި ދެ މީހުން ގެނައީ 26 ވަނަ ދުވަހު އެވެ.

ސަރުކާރުގެ ހޮސްޕިޓަލް، އައިޖީއެމްއެޗްގެ މީޑިޔާ އޮފިޝަލަކު މިއަދު އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ދެވަނަ މީހާ މަރުވީ މިއަދު ހެނދުނު 8:45 އެހާކަންހާއިރުގައި ކަމަށެވެ. އެ އޮފިޝަލް އަދި ވިދާޅުވީ މިއަދު މަރުވީ އުމުރުން 32 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އަލިފާނުގެ މި ހާދިސާ އައީ ތިނަދޫ "ރާސްތާ" ދޯނީގައި ހުރި ގޭސް ފުޅިއަކުން ގޭސް ލީކުވެ އޭގައި އަލިފާން ރޯވެގެނެވެ. އެ ހާދިސާގައި ހަތަރު މީހަކު އެކި ވަރަށް ފިހި އަނިޔާ ވެފައި ވެއެވެ. މީގެ ތެރެއިން ފުރަތަމަ މަރުވި މީހާ މަރުވެފައި ވަނީ މި މަހުގެ ފުރަތަމަ ދުވަހު އެވެ.