ކަނޑުމަތީގެ ހާދިސާ

ދިޔަވަމުން ދިޔަ ސަފާރީގައި ހުރި މީހަކު މަރުވެއްޖެ

މޫސުން ގޯސްވެ ދިޔަވަމުން ދިޔަ ސަފާރީގައި ތިބި ހަތް މީހެއްގެ ހާލު ދެރަވެގެން މާލެ ގެނެސް އައިޖިއެމްއެޗްގައި ފަރުވާދެނިކޮށް އެކަކު މަރުވެއްޖެ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް އަވަސް އަށް ވިދާޅުވީ މަރުވެފައިވަނީ ބިދޭސީއެއް ކަމަށެވެ. އެއީ 41 އަހަރުގެ ފިރިހެނެއް ކަމަށް ވެސް ވިދާޅުވި އެވެ.

ބާކީ ތިބި ހަ މީހުންގެ ހާލު އަވިދެސް ދެރަ ކަމަށާއި ފަރުދެމުންދާ ކަމަށްވެސް އޮފިޝަލް ވަނީ މައުލޫމާތު ދީފަ އެވެ.

ހޭންޑީ ކްރޫސާ ސަފާރީ ނަމަކަށް ކިޔާ ސަފާރީއެއް ދިޔަވަމުންދާ ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 08:39 ހާއިރު ކަމަށް އެމްއެންޑިއެފްއިން ބުނެ އެވެ. ސަފާރީއަށް ދިޔަވަމުން ދިޔައިރު އެ ވަގުތު އެ އުޅަނދުގައި 17 މީހަކު ތިބި ކަމަށެވެ.

ދިޔަވަމުންދިޔައިރު ސަފާރީ އޮތީ ތިލަފުށީގެ ހުޅަނގު ދެކުނުން ހަަތަރު ނޯޓިކަލް މޭލު ބޭރުގަ އެވެ. މައުލޫމާތު ލިބުމާއެކު ކޯސްޓްގާޑުގެ އުޅަނދު އެމްއޭ ސީޖީ އެސްކިއު އިން އެހީތެރިކަން ފޯރުކޮށް ދިން ކަމަށްވެސް ބުނެފައިވެ އެވެ.

ސަފާރީގައި ތިބި އެންމެން ވެސް މިހާރު ވަނީ މާލެ ގެނެސްފަ އެވެ. އަދި ސަފާރީ އަށް ދިޔަވެ އެ އުޅަނދަށް މިހާރު ވަނީ ބޮޑެތި ގެއްލުންތަކެއް ވެސް ލިބިފަ އެވެ.