ބޮލީވުޑް

ވަރުން ކުޅެން އޮތް "އިއްކީސް" އަމީތާބު ކާފަ ދަރިފުޅު އަގަސްތިޔާ އަށް

ވަރުން ދަވަން ކުޅެން ހަމަޖެހި 2019ގައި އިއުލާން ކޮށްފައިވާ ފިލްމު "އިއްކީސް"ގެ ބަތަލުގެ ބައި ވަރުންގެ ބަދަލުގައި އަމީތާބު ބައްޗަންގެ ކާފަ ދަރިފުޅު އަގަސްތިޔާ ނަންދާއަށް ދީފި އެވެ. މިކަން އިއުލާން ކޮށްފައިވަނީ އިއްޔެ އެވެ.

ފިލްމުގައި ދަރުމެންދުރަ ވެސް މުހިއްމު ރޯލެއް އަދާކުރެ އެވެ. މި ފިލްމުގެ ތަރިންގެ ނަންތައް އިއުލާންކުރީ ދަރުމެންދުރަގެ އުފަން ދުވަހާ ދިމާކޮށެވެ.

އަގަސްތިޔާ އަކީ އަމީތާބުގެ އަންހެންދަރިފުޅު ޝްވޭތާގެ ދަރިއެކެވެ.

"އިއްކީސް" އަކީ އިންޑިޔާގެ ހަނގުރާމައިގެ ހީރޯއެއް ކަމަށްވާ ސެކަންޑް ލެފްޓިނެންޓް ވަރުން ކެޓަރްޕާލްގެ ބައޮޕިކް އެކެވެ. އޭނާއަކީ ހަނގުރާމައިގައި ހިތްވަރުގަދަކަން ދައްކަމުން މަރުވާ ބަތަލުންނަށްދޭ ޕަރަމް ވީރް ޗަކްރަގެ ޝަރަފުވެރި އެވޯޑު ލިބުނު އެންމެ ޒުވާން ހީރޯ އެވެ.

ޕާކިސްތާނައި އިންޑިޔާއިން 1971ގައި ހުރި އިންޑޯ-ޕާކް ހަނގުރާމަ، ބެޓްލް އޮފް ބަސަންތަރްގައި ވަރަށް ހިތްވަރާއެކު ހަނގުރާމަކުރަނިކޮށް ހަމަ އެ އަހަރު އޭނާ މަރުވީ އެވެ. އޭރު އޭނާގެ އުމުރުން އެންމެ 21 އަހަރެވެ.

މި ފިލްމު ޑައިރެކްޓްކުރަނީ "އޭޖެންޓް ވިނޯދް" އާއި "އަންދާދުން"ގެ ޑައިރެކްޓަރު ޝްރީރާމް ރާގަވަން އެވެ.

"އިއްކީސް"ގައި އަގަސްތިޔާ ބައިވެރިވިޔަސް މިއީ އޭނާ ހިންދީ ސިނަމާއަށް ތައާރަފްވާ ފިލްމެއް ނޫނެވެ. އަގަސްތިޔާ ސިނަމާއަށް ތައާރަފްވާނީ ނެޓްފްލިކްސް އަށް ތައްޔާރުކުރާ "ދި އާޗީޒް" އިންނެވެ. ޒޯޔާ އަޚްތަރު ޑައިރެކްޓްކުރާ "ދި އާޗީޒް"ގައި ޝާހް ރުކް ޚާންގެ ދަރިފުޅު ސުހާނާ އާއި ޝްރީދޭވީ އާއި ބޯނީ ކަޕޫޜުގެ ހަގު އަންހެންދަރިފުޅު ޚުޝީ ކަޕޫރު ވެސް މުހިއްމު ރޯލެއް އަދާ ކުރެ އެވެ.