އާސާރީ ތަންތަނާއި ތަކެތި ހިމާޔަތްކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތައް ކުރުމަށް އެކަށީގެންވާ ބަޖެޓް ނުލިބޭ ކަމަށް ހެރިޓޭޖް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން މިހެން ބުނެފައި މިވަނީ ފ. ނިލަންދޫގައި ހުރި އެތައް އަހަރެއްވީ މަހާނަ ގާތަކަކަށް ބަޔަކު ގެއްލުން ދިނުމާ ގުޅިގެން އަވަސް އިން ކުރި ސުވާލަކަށް ދިން ޖަވާބެއްގަ އެވެ.
އަވަސްއަށް މައުލޫމާތު ދެއްވަމުން ހެރިޓޭޖު މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު އިސްމާއިލް ނާއިލް ވިދާޅުވީ އެންމެ އެކަށީގެންވާ މިންވަރަށް ބަޖެޓް ނުލިބުނަސް އާސާރީ ތަންތަން ހިމާޔަތްކުރަން ކުރަންޖެހޭ މަސައްކަތްތައް ކުރާނެ ކަމަށެވެ.
"އަސްލު އެންމެ އެކަށީގެންވާ މިންވަރަށް ބަޖެޓް ނުލިބޭ. އެކަމަކު އާސާރީ ތަންތަން ހިމާޔަތްކުރަން ކުރަންޖެހޭ މަސައްކަތްތަކަށް ކޮންމެވެސް ވަރެއްގެ ބަޖެޓެއް ލިބޭ،" އޭނާ ވިދާޅުވި އެވެ.
ނާއިލް ވިދާޅުވީ އާސާރީ ތަރިކަ ހިމާޔަތްކުރުމުގައި ބައެއް މީހުންގެ ވިސްނުން ހުންނަ ގޮތަކުން ދިމާވާ ގޮންޖެހުންތަކެއްވެސް ހުންނަ ކަމަށެވެ. އެހެންވެ އާސާރީ ތަކެތި ރައްކާތެރިކަމާ އެކު ބެލެހެެއްޓުމުގެ މުހިއްމު ކަމާ ގުޅޭ ގޮތުން އާންމުން ހޭލުންތެރިކުރުވުމުގެ މަސައްކަތް ކުރަމުންދާ ކަމުގައިވެސް ވިދާޅުވި އެވެ.
"އަސްލު އާސާރީ ތަންތަން ހިމާޔަތްކުރުމުގައި ކުރިމަތިވި ގޮންޖެހުމަކީ ތަރިކަ އަކީ މުހިންމު އެއްޗެއް ކަމާ މެދު އާންމުންގެ ވިސްނުން ކުރިން ހުރި ގޮތް. އެކަމަކު މިހާރު އެކަންކަން ވަރަށް ބޮޑުތަން ރަނގަޅު. މިހާރު ތަރިކަތައް ދިރުވާ އާލާކުރަން ރަށްރަށުގެ ކައުންސިލުން ވެސް މަސައްކަތް ކުރޭ،" ނާއިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އާސާރީ ތަކެތި ދައްކާލުމަށްޓަކައި ފަސް ރަށެއްގައި މިއުޒިއަމް އެޅުމުގެ މަސައްކަތްތަކެއް ވެސް މިހާރު ދަނީ ކުރެވެމުންނެވެ. ނަމަވެސް އެ މަސައްކަތް ނިންމާލެވޭ ވަކި ދުވަހެއް ވިދާޅުވެފައެއް ނުވެ އެވެ.
އާސާރީ ތަންތަނަށް ގެއްލުން ދިނުމަކީ މަދުން ނަމަވެސް ރާއްޖޭގައި ހިނގާ ކަމެކެވެ. އެގޮތުން އިއްޔެ ފ. ނިލަންދޫ އާސާރީ މިސްކިތުގެ މަހާނަތަކަށް ހުކުރު ދުވަހު ގެއްލުން ދިން މައްސަލަ ފުލުހުން މިހާރު ތަހުގީގުކުރަމުންނެވެ. އާސާރީ ތަކެއްޗަށް ގެއްލުންދޭ މީހުންނަށް ފިޔަވަޅު އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރަމުން ގެންދާނެ ކަމަށްވެސް ހެރިޓޭޖު މިނިސްޓްރީން ބުނެފައިވެ އެވެ.