މޯލްޑިވްސް ޕޮލިސް ސާވިސް

13 ކިލޯގެ ޑްރަގް މައްސަލަ: ޝަރީއަތް ނިމެންދެން އެކަކު ބަންދަށް

މާލެއާ ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް 13 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

މި ހަމައްސަލައިގައި ހަ ދިވެހި ފިރިހެނުން ހައްޔަރުކޮށްފައި ވާއިރު މީގެ ކުރިން އެ މީހުންގެ ބަންދަށް އެކި ފަހަރުމަތިން މުއްދަތު ޖަހާފައިވެ އެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި އެމީހުންގެ ބަންދުގެ މުއްދަތު ހަމަވުމާއިއެކު ކްރިމިނަލް ކޯޓުން ވަނީ އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އަނެއް ފަސް މީހުންގެ ބަންދުގެ މުއްދަތަށް އަލުން 30 ދުވަސް އިތުރުކޮށްދީފަ އެވެ.

ތޭރަ ކިލޯގެ މަސްތުވާތަކެތި އަތުލައިގަތީ ނިމިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ރޭ ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޓީމު ގުޅިގެން މާލެ އާއި ހުޅުމާލޭގެ ބައެއް ތަންތަން ބަލައި ފާސްކުރުމުގެ ތެރޭގަ އެވެ. މިގޮތުން 13.56 ކިލޯގެ ޑްރަގާއި 644،020 ރުފިޔާ ވެސް އަތުލައިގެންފައިވެ އެވެ.

ފުލުހުން ދަނީ މި މައްސަލައިގެ އިތުރު ތަހުގީގުތައް ކުރަމުންނެވެ.