މާލޭ ސަރަހައްދުން މާލޭ ރައްޔިތުންނަށް ގޯތި ދިނުމުގައި މާލޭ ރައްޔިތެއް ކަމަށް ބަލާނެ ގޮތް ކަނޑައަޅާފައިވާ މާއްދާ އުވާލަން ހައިކޯޓަށް ހުށަހެޅި މައްސަލަ ކޯޓުން ބޭރު ކޮށްލައިފި އެވެ.
މި މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ ދުސްތޫރީ މައްސަލައެއް ގޮތުގަ އެވެ. މައްސަލަ ހައިކޯޓުގެ ފުރަތަމަ މަރުހަލާގައި ނުބެލޭނެ ކަމަށް ނިންމާ ކޯޓުން ވަނީ މިއަދު ހުކުމްކޮށްފަ އެވެ.
ގާނޫނީ ވަކީލު ހަސަން ފަލާހާއި ޝިހާދު އިބްރާހިމް ދުސްތޫރީ މައްސަލައެއް ގޮތުގައި ހައިކޯޓަށް ހުށަހެޅި މައްސަލައިގައި ހުކުމް އިއްވަމުން ރިޔާސަތުގައި އިންނެވި ފަނޑިޔާރު މުހައްމަދު ނިޔާޒު ވިދާޅުވީ މި މައްސަލަ އަކީ ފުރަތަމަ މަރުހަލާގައި ހައިކޯޓުން ބެލުމުގެ އިހްތިސޯސް ގާނޫނުން އެ ކޯޓަށް ލިބިދީފައިވާ މައްސަލައެއް ނޫން ކަމަށެވެ.
ރިޔާސަތުގައި އިންނެވި ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ރައުޔަށް ބާކީ ތިއްބެވި ހަތަރު ފަނޑިޔާރުންވެސް ތާއީދުކޮށްފައިވެ އެވެ. މި މައްސަލައިގެ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އަދި ފަނޑިޔާރު ދީބާނާޒް ފަހުމީ އެވެ.
ޝިހާދު އާއި ފަލާހު ހުށަހެޅި މައްސަލައަކީ ދުސްތޫރީ މައްސަލައެއް ނަމަވެސް ހައިކޯޓުގެ އިހްތިސޯސްގެ ތެރޭގައި ހިމެނޭ ކަމެއް ނޫނީ ފުރަތަމަ މަރުހަލާގައި ހައިކޯޓަކުން ނުބެލޭނެ ކަމަށް ނިންމީ އެވެ.
މައްސަލަ ބެއްލެވި ފަނޑިޔާރުން ވިދާޅުވީ އުވާލުމަށް އެދި ހުށަހެޅި އުސޫލަކީ ބިމާ ބެހޭ ގަވައިދުގެ ބައެއް ކަމަށް ބަލަން ޖެހޭ ގާނޫނީ ސަބަބެއް ދެއްކިފައި ނެތް ކަމަށެވެ.
މާލޭގެ ރައްޔިތުންނަށް 5،000 ގޯތި އަދި 4،000 ފްލެޓް ދޫކުރުމަށް ނިންމާ މިދިޔަ ޖޫން މަހު ސަރުކާރުން ވަނީ ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލާފަ އެވެ.
ގެދޮރުވެރިޔާ އަދި ބިންވެރިޔާގެ ޕްރޮގްރާމަށް ހުށަހެޅުމުގެ ވަގުތު ހަމަވިއިރު ޖުމުލަ 35،861 ފޯމު ހުށަހަޅައިފައިވެ އެވެ. އެއީ މާލޭގެ ރައްޔިތުންނަށް ދޫކުރާ 5،000 ގޯއްޗަށް ހުށަހެޅި 15،164 ފޯމާއި 4،000 ފްލެޓްގެ ތެރެއިން ތިން ކޮޓަރީގެ ފްލެޓަށް ހުށަހެޅި 14،489 ފޯމު އަދި ދެ ކޮޓަރީގެ ފްލެޓަށް ހުށަހެޅި 6،208 ފޯމެވެ.
މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް އެކުލަވާލާފައިވާ އުސޫލު އެންމެ ފުރަތަމަ އާންމުކުރިއިރު އެ އުސޫލު އޮތް ގޮތުން މާލޭގެ ރައްޔިތުންގެ ގޮތުގައި ބަލަނީ މާލެ ފިޔަވައި އެހެން އެއްވެސް ރަށެއްގައި އެއްވެސް އިރަކު ރަޖިސްޓްރީވެފައި ނުވާ މީހުންނެވެ. ނަމަވެސް ޕްލޭނިން މިނިސްޓްރީން އުސޫލަށް ފަހުން ގެނައި އިސްލާހުގައި ބުނެފައިވަނީ ސަރުކާރުން ކަނޑައެޅި އުސޫލެއް ނުވަތަ ގަވާއިދަކާ ގުޅިގެން އެހެން ތަނެއްގެ ރަޖިސްޓްރީގައި ކުރިން އޮތް ނަމަވެސް އެ މީހެއްގެ މަންމަ ނުވަތަ ބައްޕައަކީ މާލޭ މީހެއް ނަމަ އަދި އެ މީހަކު މިހާރު އަނެއްކާވެސް މާލޭ ރަޖިސްޓްރީގައި ހިމަނާފައި އޮތް ނަމަ އެ މީހަކީ މާލޭ މީހެއް ކަމަށް ބަލާނެ ކަމަށެވެ.