ބޯހިޔާވަހިކަން

މާލެ މީހުންނަށް ގޯތި ދޭ އުސޫލުގެ މައްސަލަ ސުޕްރީމް ކޯޓަށް

Jan 25, 2023

މާލޭގެ ރަށްވެހިންނަށް ގޯތި ދޫކުރުމަށް އެކުލަވާލާފައިވާ އުސޫލު ބާތިލްކުރަން ހައިކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލުމާ ގުޅިގެން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

އުސޫލު ބާތިލްކުރަން ކޯޓަށް ހުށަހެޅީ ގާނޫނީ ވަކީލުން ކަމުގައިވާ ހަސަން ފަލާހް އާއި ޝިހާދު އިބްރާހިމް އެވެ.

ސުޕްރީމް ކޯޓަށް މިދިޔަ އާދިއްތަ ދުވަހު ހުށަހެޅި މައްސލަ ބަލައިގަތުމާ މެދު ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

ހައިކޯޓުން މި މައްސަލަ މިދިޔަ މަހުގެ ތެރޭގައި ބޭރުކޮށްލީ ދުސްތޫރީ މައްސަލަކައަށް ނުވާތީ އެވެ.

މާލޭގެ ރައްޔިތުން ގޯތި ދޫކުރުމަށް އެކުލަވާލާފައިވާ އުސޫލުގައި ކުރިން އޮތް ގޮތުން މާލޭގެ ރައްޔިތުންގެ ގޮތުގައި ބަލަނީ މާލެ ފިޔަވައި އެހެން އެއްވެސް ރަށެއްގައި އެއްވެސް އިރަކު ރަޖިސްޓްރީވެފައި ނުވާ މީހުންނެވެ.

އެކަމަކު ޕްލޭނިން މިނިސްޓްރީން މިދިޔަ ސެޕްޓެމްބަރު 15 ވަނަ ދުވަހު އުސޫލަށް ގެނައި އިސްލާހުގައި މިހާރު ބުނެފައިވަނީ ސަރުކާރުން ކަނޑައެޅި އުސޫލެއް ނުވަތަ ގަވާއިދަކާ ގުޅިގެން އެހެން ތަނެއްގެ ރަޖިސްޓްރީގައި ކުރިން އޮތް ނަމަވެސް އެ މީހެއްގެ މަންމަ ނުވަތަ ބައްޕައަކީ މާލޭ މީހެއް ނަމަ އަދި އެ މީހަކު މިހާރު އަނެއްކާވެސް މާލޭ ރަޖިސްޓްރީގައި ހިމަނާފައި އޮތް ނަމަ އެ މީހަކީ މާލޭ މީހެއް ކަމަށް ބަލާނެ ކަމަށެވެ.