ފެމިލީ ކޯޓް

މިދިޔަ މަހު 170 ކައިވެނި، 100 އަށް ވުރެ ގިނަ ވަރި

މިދިޔަ މަހު މާލެ ސަރަހައްދުގައި 170 ކައިވެނި ކުރިއިރު، 100 އަށް ވުރެ ގިނަ މީހުން ވަރިކޮށްފައިވާ ކަމަށް ފެމިލީ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެ ކޯޓުން މިއަދު އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ނިމިދިޔަ ނޮވެމްބަރު 170 ކައިވެނި ކުރި އިރު 119 ވަރި ކޮށްފައިވެއެވެ. އަދި އެންމެ ގިނައިން ފެމިލީ ކޯޓަށް ހުށަހަޅާފައިވަނީ ވެސް ވަރީގެ މައްސަލަތައްކަން ތަފާސްހިސާބުތަކުން ފާހަގަކުރެވެއެވެ.

މިގޮތުން ވަރިވުމަށް އެދި 61 މައްސަލައެއް ހުށަހެޅިއިރު، ވަރިކުރަން 26 މައްސަލައެއް އަދި ވަރި ސާބިތުކުރަން 70 މައްސަލައެއް ހުށަހެޅި އެވެ. ވަރީގެ 150 މައްސަލައެއް މިދިޔަ މަހު ފެމިލީ ކޯޓުން ނިންމާފައިވާއިރު، ހުށަހަޅާފައިވަނީ ވަރީގެ އާ 157 މައްސަލައެވެ.

މީގެ އިތުރުން ފެމިލީ ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި އާއިލާތަކާއި ބެހޭ މައްސަލަތަކާއި ކުޑަކުދިންނާއި ގުޅުންހުރި މައްސަލަތައް ގިނަކަން ތަފާސްހިސާބުތަކުން ހާމަވެއެވެ. މިގޮތުން އާއިލީ އެހެނިހެން މައްސަލަތަކުގެ ގޮތުގައި 28 މައްސަލައެއް އަދި ކުޑަކުދިންނާއި ގުޅުންހުރި 15 މައްސަލައެއް ވެސް ހުށަހެޅި އެވެ. އަދި ހަރަދު ނުދިނުމުގެ 12 މައްސަލައެއް މިދިޔަ މަހު ފެމިލީ ކޯޓަށް ހުށަހަޅާފައިވާއިރު، އެ 12 މައްސަލަ ވެސް ވަނީ ބަލައި ނިންމާފަ އެވެ.