ފެމިލީ ކޯޓް

މިދިޔަ މަހު މާލޭގައި 195 ކައިވެނި، 127 ވަރި

މިދިޔަ ޖެނުއަރީ މަހު މާލޭގައި 195 ކައިވެނި ކުރިއިރު، އެ މަހު 127 ވަރި ކޮށްފައިވާ ކަމަށް ފެމިލީ ކޯޓުގެ ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.

އެ ކޯޓުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެ ކޯޓަށް ވަރީގެ 147 މައްސަލަ ހުށަހެޅި އެވެ. ވަރީގެ 166 މައްސަލަ ނިންމާފައިވާއިރު ނުނިމި އޮތީ ވަރީގެ 141 މައްސަލަ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ފެމިލީ ކޯޓުން ވަނީ 203 މައްސަލައެއް މިދިޔަ ޖެނުއަރީ މަހު ނިންމާފަ އެވެ. މީގެ ތެރޭގައި ކުޑަކުދިންނާއި ގުޅުންހުރި މައްސަލަތަކާއި ހަރަދުގެ މައްސަލަތަކުގެ އިތުރުން ގެވެށި އަނިޔާއާ ގުޅޭ މައްސަލަތަކާއި އާއިލީ އެހެނިހެން މައްސަލަތައް ހިމެނެ އެވެ.

ކުޑަކުދިންނާ ގުޅުންހުރި 10 މައްސަލައަކާއި ހަރަދުގެ ހަ މައްސަލައެއް އެ ކޯޓުން ވަނީ މިދިޔަ މަހު ނިންމާފަ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން އާއިލީ އެހެނިހެން މައްސަލަތަކުގެ ތެރެއިން 18 މައްސަލައެއް މިދިޔަ މަހު ފެމިލީ ކޯޓުން ނިންމި އެވެ. މީގެތެރޭގައި ވަލީ ހޯދުމުގެ މައްސަލަތަކާއި ބަލަދުވެރިކަމުގެ މައްސަލަތަކާއި ހުކުމް ތަންފީޒުކުރުމުގެ މައްސަލަތައް ހިމެނެ އެވެ.