ފަރެސް މާތޮޑާ

ބަނދަރުން އެއާޕޯޓަށް ދާން އޮންނަ މަގު ހަދައިދޭން އެދިއްޖެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ގދ. ފަރެސްމާތޮޑާ އަށް ކުރައްވާ ދަތުރުފުޅުގައި އެރަށުގެ ކައުންސިލާ ބައްދަލުކުރެއްވުމުން، އެރަށު ބަނދަރުން އެއާޕޯޓަށް ދަތުރުކުރަން އޮންނަ މަގު ހަދައިދޭން ކައުންސިލުން އެދިއްޖެ އެވެ.

މީގެ އިތުރުން ވެސް ބައެއް ކަންކަން ކޮށްދިނުމަށް ފަރެސްމާތޮޑާ ކައުންސިލުން ވަނީ ރައީސް އަރިހުގައި ދަންނަވާފަ އެެވެ. މީގެ ތެރޭގައި ހިމެނެނީ ކައުންސިލް އިދާރައިގެ ޖާގައިގެ ދަތިކަމާއި، ކޮންފަރެންސް ހޯލެއް ނެތުމުގެ ދަތިކަމާއި، އެރަށުގެ ކުނި މެނޭޖުކުރުމުގައި ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމާއި، ރަށުގައި ބޭންކިންގެ ހިދުމަތް ގާއިމުކުރުމުގެ މައްސަލަ އެވެ.

މި ބައްދަލުކުރެއްވުމުގައި ފަރެސްމާތޮޑާ ކައުންސިލުން ވަނީ މިސަރުކާރުން ފަރެސްމާތޮޑާގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ހިންގަމުންދާކަން ފާހަގަކޮށްފަ އެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލުން ހުށަހެޅި ކަންކަމާ ގުޅޭގޮތުން ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކާ ގުޅިގެން މަޝްވަރާކުރައްވައި އެކަންކަމަށް ހައްލު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގަ އެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް ފަރެސްމާތޮޑާގައި ފާހަގަކުރަމުންދާއިރު ފަރެސްމާތޮޑާ އަކީ އަލަށް ޑޮމެސްޓިކް އެއާޕޯޓެ ތަރައްގީ ކުރަމުންދާ ރަށެކެވެ.

އެމްޓީސީސީ އިން ހަދަމުންދާ މި އެއާޕޯޓުގެ މަސައްކަތް މި މަހު ނިމޭނެ ކަމުގައި އެމްޓީސީސީން ބުނެ އެވެ.