މިފްކޯ

އާ ދެ ބާވަތެއްގެ މަސްދަޅު ބާޒާރަށް

މިފްކޯގެ ފަސްމީރު ބްރޭންޑް މަސްދަޅުގެ އާ ދެ އުފެއްދުމެއް ބާޒާރަށް ނެރެފި އެވެ.

ފަރެސްމާތޮޑާގައި އިއްޔެ އޮތް އެކްސްޕޯގައި މި އުފެއްދުންތައް ތަޢާރަފުކޮށް ދެއްވީ މަސްވެރިންގެ އެކްސްޕޯއަށް ކުރެއްވި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެވެ.

މި އެކްސްޕޯގައި ތައާރަފުކުރި ދެ ބާވަތުގެ މަސްދަޅަކީ ލޮނުމެދު މަސްދަޅާއި ވަޅޯމަސް މަސްދަޅެވެ. މި ދެ އުފެއްދުމުގެ ރަހަ ބަލާލުމުގެ ފުރުސަތު އެކްސްޕޯގެ ބައިވެރިންނަށް ލިބިގެންދިޔައިރު ގިނަ ބަޔަކަށް މި ތަފާތު ރަހަތައް ކަމުދިޔަ ކަމަށް މިފްކޯއިން ވަނީ ބުނެފަ އެެވެ.

"ރަހަބަލާލުމުގެ ފުރުސަތު ލިބުނު ގިނަ ބަޔަކު ބުނިގޮތުގައި މިހާރު މިފްކޯއިން އުފައްދާ ހުރިހާ މަސްދަޅެއްގެ ތެރެއިން އެންމެ މީރީ ލޮނުމެދު މަސްދަޅު،" މިފްކޯ އިން ފާހަގަކުރި އެވެ.

މީގެ އިތުރުން އަލަށް ނެރުނު ވަޅޯމަސް މަސްދަޅު ތައްޔާރުކޮށްފައިވަނީ ސިއްހަތައް ފައިދާކުރާނެ ގިނަ މާއްދާތަކެއް ހިމަނައިގެން ނެވެ. މިގޮތުން ވަޅޯމަސް ދަޅުގައި ބަންދުކޮށްފައިވަނީ ޒައިތޫނި ތެޔޮ ބޭނުންކޮށްގެން ނެވެ. އަދި ލޮނުމެދު މަސްދަޅު އުފައްދާފައިވަނީ ބަތް އަދި ޕާސްތާ ނޫޑުލްސް ފަދަ ތަކެއްޗާއިއެކު ވެސް ކެވޭނެ ގޮތަށް ލޮނުމެދުގެ ރަހަ ހިމަނައިގެން ނެވެ.