މަންމަގެ މުދާތަކުގެ ދަހިވެތިކަމުގައި އިންޑިއާ ފިރިހެނަކު އޭނާގެ 74 އަހަރުގެ މަންމަ މަރާލައި ކޯރަކަށް އެއްލާލާފައި އޮއްވާ ފެނިއްޖެ އެވެ.
މި އަންހެން މީހާ އަކީ ވަރަށް ގިނަ ފިލްމުތަކާއި ސީރީޒްތައް ކުޅެފައިވާ ކެރެކްޓާ އާޓިސްޓެއް ކަމަށްވާ ވީނާ ކަޕޫރެވެ.
އިންޑިއާގެ ނޫހަކުން ބުނެފައިވާ ގޮތުގައި ވީނާ ދިރިއުޅެމުން ދިޔައީ މުމްބައިގެ ޖޫހޫގަ އެވެ. މިއީ އެންމެ މުއްސަނދިން އުޅޭ ހިސާބުގަނޑެވެ. ޖީތެންދުރަ ދިރިއުޅޭ ބަންގްލޯ ވެސް ހުންނަނީ ވީނާގެ ގެޔާ ވަރަށް ކައިރީގަ އެވެ.
ވީނާގެ ތިބެނީ ދެ ފިރިހެން ދަރިންނެވެ. އޭގެ ތެރެއިން އެއް ދަރި ދިރިއުޅެނީ ބޭރު ގައުމެއްގަ އެވެ. ވީނާ މަރާލީ އިންޑިއާގައި ހުންނަ އޭނާގެ ދަރިކަމަށް ބޭރު ގައުމުގައި ދިރިއުޅޭ ދަރި ޝައްކުކޮށް ފުލުހުންނަށް މައްސަލަ ހުށަހެޅީ އެވެ. އަދި ފުލުހުން މި ފިރިހެން މީހާ ހައްޔަރުކޮށް ސުވާލުކުރުމުން މަންމަ މަރާލައި ކޯރަށް އެއްލާލި ކަމަށް އޭނާ ވަނީ އެއްބަސްވެފަ އެވެ.
އެމީހާ ބުނި ގޮތުގައި މަންމަގެ މުދާ އޭނާއަށް ނުދީގެން އެކަމާ ދެމައިން އަރާރުންވާތާ ވަރަށް ގިނަ ދުވަސް ވެއްޖެ ކަމަށެވެ. އެންމެ ފަހުން އެއް ދުވަހު އައި ރުޅީގައި ބޭސްބޯލް ބެޓަކުން މަންމައަށް އަނިޔާކޮށް މަރުވުމުން ގެންގޮސް ކޯރަށް އެއްލާލީ ކަމަށެވެ.
"މޭރީ ބާބީ" ސިލްސިލާގައި ވީނާއާ އެކު މަސައްކަތްކުރި ބަތަލާ ނީލޫ ކޯލީ ބުނި ގޮތުގައި ވީނާގެ ކުއްލި މަރުން އޭނާ އާއި އެ ސިލްސިލާގެ ބައިވެރިން ވަނީ ހިތް ހަލާކުވެފަ އެވެ.
"އަހަރެން ވީނާ ޖީ އާއެކު 'މޭރީ ބާބީ'ގައި ފަސް އަހަރު ވަންދެން މަސައްކަތް ކުރިން. އެ ސިލްސިލާ ނިމުމުން އަނެއްކާ އިތުރު ސިލްސިލާއެއް ވެސް ދެ މީހުން އެކުގައި ކުޅުނިން. ނަމަވެސް ލޮކްޑައުންގެ ފަހުން ވީނާގެ ޚަބަރެއް ނުވޭ. އަހަރެން މާބޮޑަށް ޕްރޮޖެކްޓްތަކުގައި ބިޒީކޮށް އުޅެން ޖެހުމުން ވީނާ އުޅޭ ނޫޅޭ ބަލައެއް ނުލެވުނު،" ނީލޫ ބުންޏެވެ.
މުމްބައި ފުލުހުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ވީނާގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އޭނާގެ ފިރިހެން ދަރިއެއް ކަމަށްވާ އުމުރުން 43 އަހަރުގެ ސަޗިން ކަޕޫރާއި އޭގޭގައި ނޯކަރެއްގެ ގޮތުގައި މަސައްކަތްކުރި އުމުރުން 25ވ އަހަރުގެ ޗޯޓޫ އެވެ.