އިއާދަކުރަނިވި ހަކަތަ

އިރުގެ އަލިން ކަރަންޓް އުފައްދަން ފައިސާ އެބަހުރި: މިނިސްޓްރީ

އިރުގެ އަލިން އިއާދަކުރުވަނިވި ހަކަތަ އުފެއްދުމަށްޓަކާ، ސޯލާ ޕެނަލް ގާއިމުކުރުމަށް 60 މެގަވޯޓުގެ ސޯލާ ހަރުކުރުމަށް ބޭނުންވާ ފައިސާ އެބަހުރިކަމަށް އެންވަޔަރަމަންޓް މިނިސްޓްރީއިން ބުނެފިއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ސޯލާ ޕެނަލްތައް ހަރުކުރާ ރަށްރަށުގައި ގްރިޑްތައް އަޕްގްރޭޑް ކުރުމާއި، ބެޓެރީ ސްޓޯރޭޖް ސިސްޓަމްތައް ގާއިމުކުރުމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށެވެ.

އިރުގެ އަލިން އުފައްދާ ހަކަތަ ބޭނުންކޮށްގެން ކަރަންޓްގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ނިޒާމުތައް ރާއްޖޭގެ 100 އަށް ވުރެ ގިނަ ރަށްތަކުގައި ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ.

ފާއިތުވި ތިން އަހަރުގެ ތެރޭގައި ރާއްޖޭގައި ވަނީ 20 މެގަވޮޓްގެ ކަރަންޓް ސޯލާ ހަކަތައިން އުފައްދަން ފަށާފަ އެވެ.

މިއާއެކު މިހާރު ރާއްޖޭގައި 36.5 މެގަވޮޓްގެ ކަރަންޓް އުފައްދަނީ ސޯލާ ޕެނަލްތަކުންނެވެ. މީގެސަބަބުން 9.3 މިލިއަން ލީޓަރުގެ ތެޔޮ ސަލާމަތް ކުރެވޭ ކަމުގައިވެސް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެ އެވެ.

ސަރުކާރުގެ އަމާޒަކީނ 2030 ވަނަ އަހަރު އަންނައިރު ކާބަން ނިއުޓްރަލް ގައުމަކަށް ރާއްޖެ ބަދަލުކޮށްލުމާއި އިއާދަކުރަނިވި ހަކަތަ އާންމުކޮށް ބޭނުންކުރަން ފެށުމެވެ.