ލައިފްސްޓައިލް

ދެމަފިރިއަކު ރޭގަނޑު ދަންވަރު މަގުމަތީގައި އުޅެގެން ޖޫރިމަނާކޮށްފި

މާ ލަސް ގަޑިއެއްގައި ރޭގަނޑުގެ ކެއުމަކަށް ގޮސްފައި އަންނަ މީހުންނާއި ނިދުމުގެ ކުރިން ސާފު ވައިގެ ތެރެއަށް ނުކުމެ ހިނގާލަން ބޭނުންވާ ބައެއް މީހުން ދަންވަރު ގަޑީގައި ވެސް މަގުމަތީގައި އުޅޭތަން ފެނެ އެވެ. ނަމަވެސް މިގޮތަށް މަގުމަތީގައި އުޅުމަކީ ގާނޫނީ ގޮޅިއަކަށް ފެތިދާނެ ކަމެއް ކަމަށް އެކަކުވެސް ހިޔެއް ނުކުރާނެ އެވެ.

އިންޑިޔާގެ ބެންގަލޫރޫގައި ދިރިއުޅޭ މި ދެމަފިރިން ވެސް ހިނގާލަން ނުކުމެ އުޅުނުއިރު އެއީ ޖޫރިމަނާ އެއް އަތުވެދާނެ ފަދަ ކުށެއް ކަމަކަށް ހިޔެއް ނުކުރެ އެވެ.

ސިލިކަން ވެލީގައި ދިރިއުޅޭ މި ދެމަފިރިން ދަންވަރު މަގުމަތީގައި އުޅެނިކޮށް ހުއްޓުވައި ފުލުހަކު ވަނީ އެމީހުންނަށް ބިރުދައްކައި އަދި 1000 ރުޕީސް އިން ޖޫރިމަނާ ވެސް ކޮށްފަ އެވެ. ފުލުސް މީހާ ބުނި ކަމަށް ވަނީ ދަންވަރު މަގުމަތީގައި ހިނގަން އޮންނަ ގަވާއިދާ އެމީހުން ހިލާފުވެފައިވާ ކަމަށެވެ.

ކާތިކް ޕަތުރީ އާއި އޭނާގެ އަންހެނުންނަކީ ބެންގަލޫރޫގައި ދިރިއުޅޭ ބައެކެވެ. އެކުވެރިއެއްގެ އުފަން ދުވަހުގެ ކޭކު ފެޅުމަށް ބޭއްވި ހަރަކާތެއްގައި ބައިވެރިވުމަށްފަހު ދެމަފިރިން ގެއަށް އަންނަނިކޮށް ދެ ފުލުހަކު އައިސް އެމީހުން ހުއްޓުވީ އެވެ. އަދި އެމީހުންނަށް ބިރުދައްކައި ޖޫރިމަނާ ކުރީ ކަމަށް ބުނެ ޖޫރިމަނާ ފައިސާ އަތުލީ އެވެ.

މި ވާހަކަ ސޯޝަލް މީޑިއާގައި ދައުރުވުމުން މިހާރު މި ދެ ފުލުހުން ވަނީ ސަސްޕެންޑްކޮށްފަ އެވެ. އަދި މި ދެ ފުލުހުންގެ މައްސަލަ ތަހުގީގުކުރަން ވަނީ ފަށާފަ އެވެ.

ޕަތުރީ އާއި އަންހެނުން ޖޫރިމަނާ ކުރުމުން އޭނާ މި ވާހަކަ ޓުވިޓާގައި ލިޔުމުން ގިނަ ބައެއްގެ ސަމާލުކަން މިކަމަށް ހުއްޓުނެވެ. އަދި ބެންގަލޫރޫ ސިޓީ ކޮމިޝަނާ އޮފް ޕޮލިސްގެ އެހީތެރިކަމާއެކު މި މައްސަލަ ހައްލުކުރެވި ކުށްކުރި ދެ ފުލުހުން ސަސްޕެންޑް ކޮށް އެމީހުންގެ މައްސަލަ ބަލަން ފެށޭ ގޮތް ވީއެވެ.

މިކަން ކުރި ފުލުހުންނަށް ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން މި ދެމަފިރިންނަށް ބެންގަލޫރުގެ ޕޮލިސް ކޮމިޝަނަރު ދެއްވި ކަމަށް އިންޑިޔާގެ ނޫހަކުން ބުނެފައި ވެއެވެ،