އިނގިރޭސިވިލާތުގެ އެކި ހިސާބުތަކަށް އާދިއްތަ ދުވަހުގެ މެންދުރުން ފެށިގެން ބޯކޮށް ސްނޯ ފޭބުމުގެ ސަބަބުން ފްލައިޓްތަކާއި އެއްގަމު ދަތުރުފަތުރަށް ބުރޫއަރައި ހެލިފެލިވެ އުޅުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފަ އެވެ.
ގެޓްވިކް އެއާޕޯޓާއި ސްޓޭންސްޓެޑް އެއާޕޯޓްގައި 10 ސެންޓިމީޓާރަށް ސްނޯ ބޯވުމުގެ ސަބަބުން ފްލައިޓްތައް ވަނީ ކެންސަލް ކުރަން ޖެހިފަ އެވެ. އިނިގިރޭސިވިލާތުން ލިބޭ ޚަބަރުތައް ބުނާ ގޮތުން މިއީ މިފަހުން -- 2013 އަށް ފަހު އެ ގައުމުގައި އެންމެ ބޯކޮށް ސްނޯ ފައިބާނެ އަހަރަށް ވާނެ އެވެ.
އެއާޕޯޓްތަކުގައި ތޮއްޖެހުން ކުޑަކުރުމަށްޓަކައި ފްލައިޓް އޮޕަރޭޓަރުންނާ ގުޅިގެން ދަތުރުވެރިން ރައްކާތެރި ތަނަކަށް ބަދަލުވުމާއި އެންމެ އަވަހަށް ލިބޭ ފުރުސަތުގައި ދަތުރަށް އެރުމަށް އެއާޕޯޓްތަކުން ވަނީ ދަތުރުވެރިންނަށް ނަސޭހަތްތެރިވެފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ފްލައިޓްތައް ފުރުވާލެވޭ ވަރު ކުރި ނަމަވެސް މޫސުން އަދި ވެސް އޮތީ ރަހުމަތްތެރި ގޮތަކަށް ނޫނެވެ.
ހީތުރޯ އެއާޕޯޓްގެ ހާލަތު ވެސް ހޯމަ ދުވަސް ނިމުނުއިރު ވެސް އޮތީ މިފަދަ ހާލަތެއްގައި ކަމަށް އޮފިޝަލުންނާ ހަވާލާދިފައި ހުރި ޚަބަރުތައް ބުނެ އެވެ. އޮފިޝަލުން ބުނާ ގޮތުން މި ދެ ދުވަހު 40 އަށް ވުރެ ގިނަ ފްލައިޓް ކެންސަލްކުރަން ވަނީ ޖެހިފަ އެވެ.
އިނގިރޭސި މޫސުން ބަލާ އިދާރާއިން ބުނާ ގޮތުން މިއަހަރުގެ ފިނި މޫސުމުގައި އިނގިރޭސިވިލާތަށް ސްނޯގެ އަސަރު ވަރަށް ބޮޑަށް ކުރާނެ އެވެ.
ރޭލު މަގުން ދަތުރުކުރާ މީހުންގެ ސަލާމަތަށް ޓަކައި، ދަތުރުތައް އޮތީ ކެންސަލްކޮށްފަ އެވެ. އަދި މަގުތަކުގެ ހާލަތު ދެނަގަނެވުމަށް ދާންދެން ދުރު ދަތުރުތަކަށް ރޭލުތައް ނުފުރުމަށް ވެސް އޮތީ ގޮވާލާފަ އެވެ.
ރޭލު ދަގަނޑުތަކުގައި ސްނޯ މާބޯވެއްޖެ ނަމަ ރޭލު ހުއްޓުމަކީ ވެސް މެދުވެރިވެދާނެ ހާލަތެކެވެ. މިފަދަ ހާލަތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ވަގުތު ނަގާނެ ކަމަށް ވެސް ރޭލުވޭ އޮޕަރޭޓަރުން ބުނެ އެވެ.
ޓެކްސީ ޑްރައިވަރުން އަދި އަމިއްލަ ކާރު ގެންގުޅޭ މީހުން ވެސް ބަލައިގެން އުޅުމަށާއި ދަތުރު ނުކުރުމަށް ވަނީ އަންގާފަ އެވެ. އަދި ޖެހުނު ކޮންމެ ތަނެއްގައި ކާރު ޕާކު ނުކުރަން ވަނީ އަމުރުކޮށްފަ އެވެ.