ވާހަކަ

ނިވެމުންދާ ބައްތިި

(އާދިއްތަ ދުވަހުގެ ނޫހާއި ގުޅޭ)

އަލިވިލޭނެ އިރަކަށް ސައުން އިންތިޒާރު ކުރަމުން ދިޔައީ ކެތްތެރި ކަމެއް ނެތިއެވެ. ކުދިންނާއި މިޝްކާ ރާއްޖެ ފޮނުވާލުމަށް ފަހު ސައުންގެ ދަތުރު އިންޑިޔާއަށް ބަދަލު ކުރުމަށް ކުރަންޖެހޭ ކަންތައްތައް ހަމަޖެއްސުމަށް ޓަކައި ގެއިން ނުކުތެވެ. ވެގެން އުޅޭގޮތެއް މިޝްކާ ގާތަކު ނުބުނެއެވެ. ވާނުވާ ނޭނގޭތީ ކުރިން ކުރެވިފައިވާ ޕުލޭނާއި އެއްގޮތަށް މިޝްކާއާއި ކުދިން ތައްޔާރުވިއެވެ. ގަޑި ދެގަޑިއިރު ވޭތު ވެގެން ދިޔައިރު ވެސް ސައުންގެ ޚަބަރެއް ނުވިއެވެ.

ސައުން ކޮބައިތޯ ބެލުމަށް ފޯނު ނަގައި ގުޅަން އުޅެނިކޮށް ސައުން އައެވެ. ލައިނުގަނެ ގެން އުޅޭހެން އައިސް ދަތުރު ހެދުމަށް ބުންޏެވެ. ކޮންތާކަށްތޯ ސުވާލު ކުރުމުން ބުނީ ރާއްޖެ އެނބުރި ދާން ޖެހިގެން ކަމަށެވެ. އޭރު ސައުން ކޮޓަރިތެރޭގައި ހުރި އެއްޗެހި ނަގާ ޕެކު ކުރަމުން ދިޔައެވެ.

މިޝްކާއާއި ދެ ކުދިން ވާނުވާ ނޭނގިފައި ތިއްބެވެ. މާއަވަހަށް ރާއްޖެ ދާން ޖެހުނީ ކީއްވެ ހެއްޔޭ މިޝްކާ ސުވާލު ކުރިއެވެ. އަލަމާރީގައި ހުރި އެއްޗެހި ނަގާ ދަބަހަށް އަޅަމުން މިހާރު ވާހަކަ ދައްކަން ހުރެވޭކަށް ނެތޭ ބުނެ ދަބަހުގެ ޒިބު ދަމާލިއެވެ. ފާޚާނާގައި ހުރި ތަކެތި ހިފައިގެން އައިސް އަތް ދަބަހަށް އަޅަ، އަޅާ ހުއްޓައި މިޝްކާ އެކަން މަނާކުރިއެވެ.
ސައުން ދާންވެއްޖެ ނަމަ ދާށޭ ބުންޏެވެ. "އަހަރެންނާއި ދެކުދިން ދާނީ ޗުއްޓީ މިކޮޅުގައި ހޭދަ ކުރުމަށްފަހު މާބޮޑަށް ހަނދާން ވާތީ ދުރުގައި ނޫޅެ ވެންޏާ ސައުން އަވަހަށް ދޭ" އެހާ ހިސާބުން ސައުން ރުޅި އަންނަ ގޮތް ވިއެވެ. އެހެން ނަމަވެސް ކުދިން ކުރިމަތީގައި ތިބުމުން އިތުރު އެއްޗެކޭ ނުބުނެ މިޝްކާގެ އަތުގައި ހިފައިގެން ކޮޓަރީގެ ބެލުކަންޏަށް ނުކުތެވެ. ކަންތައް ވެގެން އުޅޭގޮތް ބުނުމުން މިޝްކާގެ މޫނު މަތިން ހަމްދަރުދީގެ ސިފަ ފާޅު ކުރުމަށްފަހު ސައުން މިކޮޅުން އަވަހަށް ދާންވީ ނޫހޭ ބުނީ ހެޔޮ ހިތަކުން ނޫނެވެ. ކުދިންނާއި އެކު ހަފުތާއެއް ވަރު މަޑުކޮށްލުމަށް ފަހު އެނބުރި ދާނަމޭ ބުނަމުން ސައުންގެ ބޮލުގައ ފިރުމާލިއެވެ. ސައުން ބޯ ކަހާލުމަށް ފަހު ވިސްނާލިއެވެ.
ތެދެކެވެ. އެހާ އަވަހަށް ދާން ޖެހުމުން ކުދިން ހިތް ހަމައެއް ނުޖެހޭނެއެވެ. އެންމެ ރަނގަޅު ގޮތަކަށްފ ެނުނީ މިޝްކާއާއި ކުދިން މެލޭގައި ބައިތިއްބާފައި ސައުން އިންޑިޔާ އަށް ދިއުމެވެ. އޭރުން ކުދިންނަށް ވެސް ޗުއްޓި ހޭދަ ކޮށްލެވުނީއެވެ. އޮފީހުގެ ކަންތައްތަކުގައި ޒިއްމާ ނަގާނެ ފަރާތެއް ނުހުންނާނެ ކަން އެނގުމުން މާލެ ދާން ވެސް ބޭނުން ވިއެވެ. އެކި ފަހަރު އެކި ވިސްނުމުން ވިސްނުމަށްފަހު މިއަދު އިންޑިޔާއަށް ދާން ނިންމިއެވެ.
ކުދިންނާއި އަދި މިޝްކާއާއި ސަލާމް ކުރުމަށްފަހު ގެއިން ނުކުތީ ނުތަނަވަސް ވެފައިވާ ހިތަކާ އެކުގައެވެ. އާލިޔާގެ ހާލާމެދު ހަމްދަރުދީ ވެވުނެވެ. ގެއިން ނުކުތް ގޮތަށް އާލިޔާގެ މަންމައާއި ގުޅޭތޯ ވަރަށް މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް ގުޅަން އުޅެ އުޅެ ނުގުޅުމުން ކުޑަކޮށް ޚިޔާލު ތަފާތުވާ ގޮތް ވިއެވެ. އަނެއްކާ އެމީހުން އެހެން ތަނަކަށް ދިޔައީ ބާއޭ ހިތާ ހިތާ ބުނެވުނެވެ.
މިދަނޑިވަޅުގައި އެ އާއިލާއަށް ސައުންގެ އެހީތެރިކަން ބޭނުންވާނެއެވެ. އާލިޔާއަށް ހިތް ހަމަޖެހުމާއި އުފާ ދެވޭނެ ފަރާތަކީ ސައުންނެވެ.
ޑޮކުޓަރުންގެ އިރުޝާދާއި އެކު ދެވެމުން ދިޔަ ފަރުވާއާއި އެކު ﷲގެ ހެޔޮރަހުމަތުން މިއަދު އާލިޔާ ހޭއަރައި ފިއެވެ. ފުރަތަމަ ފަހަރަށް ވެސް އާލިޔާގެ ދުލުން ނުކުތީ "ބައްޕާ! ދޫކޮށްފައި ނުދޭ! " އާލިޔާގެ އެލަފުޒުތަކާއި އެކު މަންމަގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އޮހޮރި ގަތެވެ އެތަން ދެކެން ހުރި އާލިޔާގެ ބޮޑު ބޭބެ ވަގުތުން އާލިޔާގެ މަންމަ ދުރަށް ގެނެސް ނަޞޭހަތް ތެރިވަމުން ދިޔައެވެ" ނުރޮއި ތިޔަހެން ނޫޅޭ ތިޔަހެން ރޯތަން ފެނުމުން އާލިޔާ އަނެއްކާވެސް ސޮކެއް ޖެހި އަހަރެމެން އަތް ނުފޯރާ ފަށަށް ހިނގައި ދާނެ. ހިތްވަރު ކުރޭ ! ﷲގެ ކިބަފުޅަށް ދުޢާކުރޭ! ބޮޑުބޭބެގެ ނަޞޭހަތާއެކު މޫނު ފޮހެލުމަށްފަހު އާލިޔާގެ ކައިރިއަށް ދިޔައެވެ. އާލިޔާގެ ދެލޯ ބޮޑުވަމުން ދިޔައެވެ. ކޮންތާކުތޯ މިއޮތީ އެހިއެވެ. ބައްޕަ ކޮބައި ހޭ އަނެއްކާ ވެސް ތަކުރާރުކޮށް އަހަމުން ދިޔައެވެ. ބޮޑު ބޭބެ އާލިޔާގެ ބޮލުގައ ފިރުމާލިއެވެ. "މާގިނައިން ވާހަކަ ނުދައްކާ ޑޮކުޓަރުންގެ ހުއްދައެއް ނެތް ވާހަކަ ދައްކާކަށް ނިދާލެވޭތޯ ބަލާ!"

ޑޮކުޓަރުގެ އިރުޝަދަކީ ވެސް ވާހަކަ ނުދެއްކުމެވެ. އެހެން ކަމުން އާލިޔާ އޮތް ވޯޑުން މަންމައާއި ބޮޑު ބޭބެ ނެރުމަށްފަހު އިތުރަށް ބަލަމުން ދިޔައެވެ. އާލިޔާގެ ހާލު އަހުވާލު ބެލުމަށް މާލޭގައި ތިބި ކުދިން ކެނޑި ނޭޅި ގުޅަމުން ދިޔައެވެ. ހޭ އެރި ވާހަކަ ބުނުމުން އެކޮޅުގައި ތިބި ކުދިންނަށް ވެސް ހިތް ހަމަޖެހުމެއް ލިބުނެވެ. އާލިޔާ ގެނައިން ސުރެ ހޮސްޕިޓަލުން އެހެން ތާކަށް ބޮޑުބޭބެއާއި އާލިޔާގެ މަންމަ ނުދެއެވެ. ފެންވެރުމެއް ކެއުމެއް ނެތެވެ. ދުޢާ ކުރުން މަތީ ތިބީ، އާލިޔާ ހޭއަރާނެ ވަގުތެއްގެ އިންތިޒާރުގައެވެ.
ހަވީރު އާލިޔާ ކައިރިއަށް މަންމައާއި ބޮޑު ބޭބެ ވެއްދިއެވެ. އެކަމަކު ވާހަކަ ދެއްކުން ވަނީ މަނާ ކޮށްފައެވެ. މަންމަ ފެނުމުން އާލިޔާ ސުވާލު ކުރަން ފެށިއެވެ. "މީ ރާއްޖެއެއް ނޫން. މިތަނަށް ގެނައީ ކީއްވެ؟ ބައްޕަ ކޮބާ؟ މަންމަ ދެރަ ނުވާތި .އަހަރެން މަންމަ ދޫކޮށްފައި ނުދާނަށް . ޑޮކުޓަރު ހުރިހާ އެއްޗެއް ކިޔައިދީފި. ބަލާ! މިހާރު ރަނގަޅޭ! މާދަމާ ދޫކޮށް ލާނަމޯ ބުނީ" މަންމަގެ އަތުގައި ހިފިއެވެ. އެ އަތުގައި ބޮސްދެމުން މަންމަ އެކަނި ކޮށްފައި ދެން ނުދާނަން ކޮއްކޮމެން ކޮބައި އެކުދިން ބަލަން ވަރަށް ރަނގަޅަށް ބަލަންވާނެ" އެހާ ހިސާބަށް ދިއުމުން ބޮޑު ބޭބެ އާލިޔާ ވާހަކަ ދެއްކުން މަނާކުރިއެވެ.
ބޭރުން މީހަކު ސަލާމް ގޮވާލުމުން އެންމެން އެދިމަ ބަލައި ލިއެވެ. ސައުން ފެނުމުން ބޮޑުބޭބެ ސަލާމް ކުރިއެވެ. އާލިޔާގެ ކައިރިން މަންމަ ދުރަށް ޖެހެން އުޅުނެވެ. އެވަގުތު އާލިޔާ މަންމަގެ އަތުގައި ހިފާ ބާރުކޮށްލިއެވެ. "ނޫން މަންމާ! މަންމަ ނުދާތީ!" އާލިޔާގެ މޫނު މަތީގައިވަނީ ހިތާމައިގެ އަސަރެވެ. ސައުން ކައިރިއަށް ލެފެން ފެށުމުން މޫނުލީ އަނެއް ފަރާތަށެވެ. ވާހަކަ ދެއްކުން ހުއްޓާލިއެވެ. އާލިޔާގެ އެހާރަ ކާތުން ސައުންނަށް ލިބުނީ ސިހުމެކެވެ. އާލިޔާ ނުރުހިފަވާ މިންވަރު ހިތަށް އެރުމުން ދެރަވިއެވެ. ދަބަސް ބެހެއްޓުމަށް ފަހު އާލިޔާގެ ކައިރީގައި ސައުން އިށީނެވެ. މަންމައާއި ބޮޑުބޭބެ ތިބެނީ ކޮންތާކުތޯ އެހުމަށްފަހު ކައިރިން ތަނެއް ހިފުމާ މެދު ވާހަކަ ދެއްކިއެވެ. ހޮސޕީޓަލަށް އައި ގޮތަށް އެތާ ތިބިކަމަށް ބުނުމުން ސައުން ތެދުވިއެވެ. ފޯނު ނަގައިގެން ކޮންމެސް މީހަކާއި ވާހަކަ ދައްކަމުން އެތަނުން ނުކުތެވެ.

ފަނަރަ ވަރަކަށް މިނިޓް ފަހުން މީހަކު ގޮވައިގެން އައިސް އޭނަ އެއްކޮން ދާންވީ ނޫންހޭ ބުންޏެވެ. "މިތާ ކައިރިން ތަނެއް ހިފާ ފައި މިއައީ ދާންވީ ނޫން ކާއެއްޗެހި ހުންނާނެ . އަހަރެން މިކޮޅުގައި މަޑު ކުރާނަން މަންމަމެން އެހަށް މަޑު ކޮށްލާ!" އެވަގުތު ޑޮކުޓަރު ވެސް އާލިޔާ ކައިރިއަށް އައެވެ. ޑޮކުޓަރު އާލިޔާ ކައިރިއަސް ވަނުމުން އެންމެން އެހަށްބޭރުގައި މަޑު ކުރިއެވެ. ދިހަ ވަރަކަށް މިނިޓް ފަހުން ޑޮކުޓަރު ނުކުތްތަން ފެނުމުން ސައުން ޑޮކުޓަރާއި ވާހަކަ ދައްކަން ފެށިއެވެ. އާލިޔާގެ ބައްޔާއި މެދު ސުވާލަކަށް ފަހު ސުވާލެއް ކުރަމުން ދިޔައެވެ. ޑޮކުޓަރުގެ ކޮންމެ ޖަވާބަކާއި އެކު ސައުންގެ މޫނުމަތީގެ ކުލަ ދިޔައީ ފަނޑު ވަމުންނެވެ. އުއްމީދު ގެއްލިފައިވާ މީހެއް ފަދައިން ދެން ކޮންގޮތެއްތޯ އޮތީ ސުވާލު ކުރަމުން ދިޔައެވެ.
އެންމެ ފަހުން ޑޮކުޓަރު ބުނި ވާހަކައިން ސައުން އަދި މާބޮޑަށް ހިތުގައި ޖެހުނެވެ. ހިތަށް ސޮކު ލިބި ހާޓްއެޓޭކެއް ޖެހުނީއެވެ. މާބުރަކޮށް މަސައްކަތް ނުކުރުމައި ހިތުގައި ޖެހޭ ފަދަ ކަމެއް ނުކުރުމަށް ނަޞޭހަތްތެރި ވިއެވެ. ކުރިން ވެސް މާބޮޑަށް ފިކުރު ކޮށް ހިތް ދަތިކަން އިހުސާސްކުރަމުން ދިޔަ ދަނޑި ވަޅެއްގައި އެފަދަ ހިތްދަތި ކަމެއް ލިބުމުން ލިބުނު ސޮކެއް ކަމަށް ބުންޏެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ބަލައިގެން ގެން ގުޅުމަށް ހިތްވަރު ދިނެވެ. ދަމުން ސައުންގެ ކޮނޑުގައި ފިރުމާލިއެވެ.
ސައުންނާއި ޑޮކުޓަރު ވާހަކަ ދައްކަން ހުރުމުން އާލިޔާގެ މަންމަ ނުގޮސް މަޑު ކުރިއެވެ. ޑޮކުޓަރު ކީ އެއްޗެއް ސާފު ކުރުމަށެވެ. ސައުން އަންނަތަން ފެނުމުން "ޑޮކުޓަރު ބުނީ ކީކޭތަ ދަރިފުޅާ!" މަންމަގެ އެ ސުވާލުން ސައުން ބަސްހުއްޓޭ ގޮތްވިއެވެ. ނަމަވެސް ކޮންމެސް ޖަވާބެއް ދޭން ޖެހެއެވެ. "ޑޮކުޓަރު ބުނުއްވީ މާބޮޑަށް ހާސްވުމުން ދިމާވި ކަމެއް ކަމަށް ދެން ކުރިއަށް އޮތް ދުވަސްތަކުގައި އާލިޔާ ދެރަވާ ކަމެއް ނުކުރަން ޑޮކުޓަރު ހިތް ވަރު ދެއްވީ . ދެން ބުނުންވީ މިހާރު ރަނގަޅު ކަމަށް އެ ކަމަކު ހަފުތާއެއް ވަރު ބަލާލަން ބާއްވާން ބޭނުންވާ ކަމަށް ބުނުންވީ"
ބޮޑުބޭބެ: މިހާރު ކިތަންމެ ތަނެއް ރަނގަޅު . އާލިޔާ ދެރަވާނެ ކަމެއް ސައުން ނުކުރުމަށް އަހަރެން އެދެން . މިއަދު އެކުދިންގެ ބައްޕަ އެއްގެ މަގާމުގައި މިހުރީ އަހަރެން. މިހާރު އެހެން ހަދައެކޭ ނޫން ބޭބެ މި ބުނަނީއެއް. ކުރިއަށް އޮތް ތަނުގައި ސައުން ވެސް އާލިޔާ އަކީ ބަލި ކުއްޖެއްކަން ދަނެގެން އުޅުމަށް ނަޞޭހަތް ތެރިވަން.

އެހެން ބުނުމަށް ފަހު ދާން ހިނގައި ގަތެވެ. އާލިޔާގެ މަންމަ ސައުން ކައިރީ ދުރަށް ނުދިއުމަށް އެދުނެވެ. "ރަނގަޅަށް ބަލާތި. ކަމެއް ދިމާވެއްޖެ ނަމަ ލަސްނުކޮށް ގުޅާތީ." ފެންވަރާ ނަމާދު ކޮށްލުމަށް ފަހު ސައުން ފޮނުވަން އަންނާނަން"
ސައުން : ނޫން މަންމާ! އެހަންނިދާލައި އަހަރެން މިކޮޅުގައި މަޑު ކުރާނަން މިރޭ ދެން ނިދާލައި.
އާލިޔާގެ މަންމައާއި ބޮޑު ބޭބެ ދިއުމުން އާލިޔާގެ ކައިރިއަށް ސައުން އައެވެ. އޭރު އާލިޔާއަށް އޮތީ ނިދިފައެވެ. އިންޖެކުޝަނެއްގެ ބާރުގައި އާލިޔާ ނިންދަވާ ވާހަކަ ޑޮކުޓަރު ބުންޏެވެ.
އެހެން ކަމުން ސައުން ފޯނު ނަގައިގެން ނަވާލު އާއި ގުޅޭތޯ ބެލިއެވެ. އޮފީހުގެ ކަންތައްތަކުގައި ޒިންމާ ކުރުވުމަށެވެ. ކުރިއަށް އޮތް ތަނުގައި އާލިޔާ އޮފީހަށް ނެރޭކަށް ސައުން ގަސްތެއް ނުކުރެއެވެ. އެހާ ބުރަކޮށް މަސައްކަތް ކުރުވާން ބޭނުން ނުވަނީއެވެ. ހަޤީގަތުގައި ޑޮކުޓަރުގެ ގިނަ ވާހަކަތައް އަމާޒުވަނީ ސައުންނަށެވެ. ބުރަކޮށް މަސައްކަތް ކޮށްފައި ވަނީ ސައުންގެ އޮފީހުގައެވެ. ހިތް ދަތިކަމާއި ފިކުރު ކުރަން މަޖުބޫރުވީ ސައުންގެ އަމަލުތަކާއި މެދުގައި ކަން ޔަޤީނެވެ. ހުރިހާ ހިތާމައެއް ގުޅިފައި ވަނީ ސައުންނާއެވެ. އާލިޔާއާއި ކައިވެނި ނުކުރެވުނު ނަމައޭ ސައުން ހިތަށް އެރިއެވެ. އޭރުން އެވަރުގެ ހިތްދަތިކަމެއް އާލިޔާ ތަޖުރިބާ ކުރާކަށް ނުޖެހޭނެއެވެ.
އެހުރިހާ ހިތާމައެއް އާލިޔާ މިހާރު އުފުލަމުން އެދަނީ ސައުންގެ ސަބަބުންނެވެ.

ނިދީގައި ތެޅިގަތުމާއެކު ސައުންގެ ހިޔާލީ ދުނިޔެ ފުނޑު ފުނޑު ކޮށްލީ އާލިޔާގެ ގޮވާލުމުންނެވެ. ސައުންނަށް އާލިޔާ ގޮވާލިއެވެ. އަހަރެން ދޫކޮށް ނުލައްޗޭ ކިޔާ ގިސްލަން ފެށިއެވެ. ސައުން އާލިޔާ ހޭލާ އޮތް ތޯ ބެލިއެވެ. އާލިޔާ އޮތީ ނިދާފައެވެ ނިދީގައި އޮވެގެން ސައުންނަށް ގޮވަމުން ދިޔައެވެ. ލޮލުން ކަރުނަ ފޫދިގެން ގޮސް ކޯތާފަތް މަތީގައި ކަރުނަތައް ހިކެމުން ދާތަން ސައުންނަށް ފެނުނެވެ. ޓިޝޫ އެއް ނަގައިގެން އާލިޔާގެ މޫނު ސާފު ކޮށްލިއެވެ. އަދި ނިތްކުރީގައި ބޮސްދެމުން މައާފް ކުރާށޭ ބުނީ ބޮލުގައި ފިރުމާލަމުންނެވެ. ބޭހަށް ގަޑި ހަމަވެ، އާލިޔާ ހޭލައިފިއެވެ. ސައުންނާއި ދިމަ ބަލަހައްޓައިގެން އަނގައިން ނުބުނެ އޮތެވެ. ސައުން އާލިޔާގެ އަތުގައި ހިފަން އުޅުމުން އަތް ދަމައިގަތެވެ. ''މަންމަ ކޮބާ؟" ބޭބެ ކޮބާ؟"

ސައުން: މަންމަ އަދި ބޭބެވީ ފެންވަރާ ލައިގެން ނަމާދަށް އަރާލަން ގޮސް . ކިހިނެތްވީ؟ މަންމަ އަންނާނެ އިރުކޮޅަކުން.
ސައުން ވާހަކަ އޮޅުވާލިއެވެ. ނުދަންނަ މީހަކާއި ދިމާލަށް ބަލަން އޮންނަ ގޮތަށް އާލިޔާ އޮތެވެ. ސައުންނާ މެދު އާލިޔާ އެ ގޮތަށް ބައެއްފަހަރު ކަންތައް ކުރުމަކީ އެކަށީގެންވާ ކަމެކޭ ޑޮކުޓަރު ބުނެފައި ވެއެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަޑު މަޑުން އެކަންވެސް ހަމައަކަށް އެޅޭނެ އޭ ބުނެފައި ވާތި އުއްމީދުގެ ބައްތި ދިއްލިފައިވެއެވެ. އެހެން ނަމަވެސް ކުރީގެ އާލިޔާއާއި މިޒާޖުގެ ގޮތުން ތަފާތު ތަކެއް ހުރުމަކީ އެކަށީގެންވާ ކަމެއްކަމަށް ޑޮކުޓަރު ފާހަގަ ކުރިއެވެ. އާދަޔާއި ޚިލާފަށް ބައެއް ފަހަރަށް ރުޅި ގަދަވެ، ކޮންޓުރޯލު ނުކުރެވޭ ހިސާބަށް ދާ ފަދަ އަމަލެއް ތަކުރާރު ވިޔަ ނުދިނުމަށް އެދިފައި ވެއެވެ. ވުމާއެކު ގަދަކަމުން އާލިޔާގެ އަތުގައި އަދި ހަމުގައި އޯގާތެރިކަމުގެ ބީހުމަކުން ވިޔަސް ބީހޭކަށް ސައުންނަކަށް ނުކެރުނެވެ. (ނުނިމޭ)

އާދިއްތަ ދުވަހުގެ ބައި