ރަޝިއާ ސިފައިން ޔުކްރޭނުން ބާލަން ކިތަންމެ ވަރަކަށް ގޮވިނަމަވެސް -- އަދި އަަހަރު ނިމުނުގެ ކުރިން ބާލަން ޖެހޭނެ ކަމަށް ބުނި ނަމަވެސް -- އެކަން އެ ގޮތަށް ހިނގައި ދިޔުމަކީ މުސްތަހީލު ކަމެއް ކަމަށް ރަޝިއާގެ ރިޔާސީ ގަނޑުވަރު، ކްރެމްލިންގެ ތަރުޖަމާން ދިމިތުރީ ޕެސްކޯފް ވިދާޅުވެއްޖެ އެވެ.
ދިމިތުރީ ޕެސްކޯފް ވިދާޅުވީ އެކަން އެ ގޮތަށް ނުވާންވީ ކީއްވެތޯއޭ ބުނެ އިތުރު ސުވާލެއް ކުރުމުގެ މުހުތާދެއް އޮތް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.
ޔުކްރޭންގައި ޚާއްސަ އޮޕަރޭޝަނެއް ހިންގަން ރަޝިއާއަށް މަޖުބޫރުކުރުވީ ޔުކްރޭންގެ ސަރުކާރާ ހަވާލުވެގެން ތިބި ބައެއްގެ ސަބަބުން ކަމަށް ވެސް ޕެސްކޯފް ވިދާޅުވި އެވެ.
ރަޝިއާގެ ސަލާމަތަށާއި ރައްކާތެރި ކަމަށް -- ޔުކްރޭންގެ ސަބަބުން ނުރައްކާ އޮތްހައި ހިނދަކު، ރަޝިއާ ސިފައިން ޔުކްރޭނުން ނުބާލާނެ ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ.
ޔުކްރޭންގެ ރައީސް ވޮލޮދިމީރު ޒެލެންސްކީ ވިދާޅުވި ގޮތުގައި ރަޝިއާ އާއެކު ސުލްހައަށް އޮތް އެންމެ ކުރުމަގަކީ ޔުކްރޭންގެ ބިމުގައި ތިބި ރަޝިއާ ސިފައިން ބޭލުމެވެ.
އަދި އަހަރު ނިމުމުގެ ކުރިން ރަޝިއާ ސިފައިން ބާލައިފި ނަމަ ސުލްހައިގެ މަޝްވަރާތައް ފެށިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޒެލެންސްކީ ކުރިން ވިދާޅުވި ގޮތުގައި ރަޝިއާގައި ޕޫޓިން ވެރިކަމުގައި ހުންނެވިހާ ހިިނދަކު މަޝްވަރާ ކުރެއްވުމުން ނޯންނާނެ އެވެ.
ދިމިތުރީ ޕެސްކޯފް ވިދާޅުވީ ޔުކްރޭނުން ހަގީގަތް ގަބޫލުކުރަން ބޭނުން ނުވުމަކީ ޔުކްރޭނަށް ދެން ހެދޭނެ އެންމެ ބޮޑު ގޯސް ކަމަށެވެ.
ރަޝިއާ ސިފައިންގެ ބާރުގެ ދަށުގައި އޮތް ޔުކްރޭންގެ ހަތަރު ސަރަހައްދުގައި ރަޝިއާގެ ގާނޫނު ހިނގާނެ ކަމަށް ގަބޫލުކުރެއްވުމުން ހަގީގަތް ގަބޫލު ކުރެއްވުނީ ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.
ޔުކްރޭނުން ހުޅަނގާ މާބޮޑަށް ގާތްވުމަކީ ރަޝިއާއަށް ނުރައްކަލަކަށް ވާނެ ކަމަށް ބުނެ ރަޝިއާ އާދޭސްކުރާތާ 15-20 އަހަރު ވެދާނެ ކަމަށް ޕެސްކޯފް ވިދާޅުވި އެވެ. އެހާ ދުވަސްވީއިރު ވެސް ޔުކްރޭނަށް ނުއިވުނު އަޑެއް -- ދެތިން ދުވަހުގެ ތެރޭގައި ރަޝިއާއަށް އިވެންޖެހެނީ ކޮން ހަމަކުންތޯ ތަރުޖަމާން ސުވާލު ކުރެއްވި އެވެ.