ސްކޫލް

ކޮރަޕްޝަންގެ ތުހުމަތުކޮށް ޣާޒީ ސުކޫލުގައި މުޒާހަރާކޮށްފި

ޣާޒީ ކޫލުގެ ކުރީގެ އެޑްމިނިސްޓްރޭޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއްކޮށް އެ ސްކޫލުގެ މުވައްޒަފުން މުޒާހަރާކޮށްފި އެވެ.

ހުޅުމާލޭގައި ހުންނަ ޣާޒީ ސްކޫލުގެ މުވައްޒަފަކު އަވަސްއަށް މައުލޫމާތު ދިން ގޮތުގައި، އެސްކޫލުގެ އެޑްމިނިސްޓޭޓަރުގެ މައްޗަށް ހިޔާނާތާއި، ވައްކަމާއި، ފޯޖު ކުރުމާއި އަދިވެސް ބޮޑެތި ތުހުމަތުތަކެއް ކުރެވެ އެވެ.

"މުވައްޒަފުން ތުހުމަތުކުރީ އޭނާގެ އެފަދަ އަމަލުތަކާ މެދު ހިތްހަމަނުޖެހިގެން،" މުވައްޒަފު ބުންޏެވެ.

އެޑްމިނިސްޓްރޭޓާގެ މައްޗައް ކުރާ ތުހުމަތުތަކުގެ ތެރޭގައި، ފޭކް ޑޮކިއުމަންޓް ހެދުމާއި، މެޑިކަލް ސެޓްފިކެޑް ފޯޖުކުރުމާއި، އަގު ހެޔޮކޮށް ކުރެވެން ހުރި މަސައްކަތް އެތައް ގުނައެއް ބޮޑުކޮށް ގަވާއިދާ ހިލާފަށް ކުރުވުމާއި، ސްކޫލުގެ އައިޓީ ސެކްޝަނަށް ބާރުފޯރުވާ، ބައެއް މުވައްޒަފުންގެ ސިސްޓަމް ހެކް ކުރުން ފަދަ ބޮޑެތި ތުހުމަތު ހިމެނެ އެވެ.

ތުހުމަތު ކުރެވޭ މުވައްޒަފުގެ ޝަކުވާ ކަމާ ގުޅޭ ފަރާތްތަކަށް ހުށަހެޅުމުން، އަދިވެސް ސްކޫލުން މުސާރަ ލިބޭ ގޮތަށް އެހެން ސެކްޝަނަކަށް ބަދަލުކޮށްފައިވާ ކަމަށާއި ސްކޫލުގެ ގިނަ މުވައްޒަފުން މިކަމާ ދެކޮޅު ހަދާ ކަމުގައިވެސް އޭނާ މައުލޫމާތު ދީފައިވެ އެވެ.

މުވައްޒަފު އިތުރަށް ބުނީ އެޑިޔުކޭޝަން މިނިސްޓްރީން އެސްކޫލުގައި އޮޑިޓެއް ހެދި އިރު ވެސް ބޮޑެތި މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށެވެ. އެކަމަކު މިނިސްޓްރީން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމުގައި ވެސް ބުންޏެވެ.

މިމައްސަލައާއި ގުޅިގެން އަވަސްއިން ކުރި މަސައްކަތުން އެޑިޔުކޭޝަން މިނިސްޓްރީގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.