މޯލްޑިވްސް ނޭޝަނަލް ޕާޓީ

އެމްއެންޕީގެ ރިޔާސީ ޓިކެޓް ނާޒިމަށް

އެމްއެންޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ހުޅިވާލި ފުރުސަތުގައި އިތުރު ބޭފުޅަކު ކުރިމަތިލައްވާފައި ނުވާތީ، އެޕާޓީގެ ރައީސް މުހައްމަދު ނާޒިމަށް އެމްއެންޕީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގެންފި އެވެ.

އެމްއެންޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު މިއަދުގެ 2:00 އާ ހަމައަށް ހުޅުވާލާ އެ ޕާޓިން އިއުލާން ކުރީ މިމަހުގެ ފުރަތަމަ ދުވަހު އެވެ.

އެމްއެންޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނާޒިމު، ފޯމު ހުށަހެޅުއްވީ އިއްޔެގެ ވަގުތެއްގަ އެވެ.

އެމްއެންޕީގެ ތަރުޖަމާނު ޝިދާތާ ޝަރީފު އަވަސްއަށް ވިދާޅުވީ ކުރިން އަންނަ މަހު 14 ގައި ޕްރައިމަރީ ބާއްވަން ހަމަޖައްސާފައިވީ ނަމަވެސް، ނާޒިމު ފިޔަވާ އިތުރު ބޭފުޅަކު ޕްރައިމަރީގައި ވާދަކުރަން ފޯމު ހުށަހަޅުއްވާފައި ނުވާތީ ދެން ޕްރައިމަރީ ނޯންނާނެ ކަމަށެވެ.

ރިޔާސީ ޓިކެޓު ރަސްމީކޮށް ނާޒިމާ ހަވާލުކުރާނީ ކޮން އިރަކުންތޯ އެހުމުން ޝިދާތާ ވިދާޅުވީ ޓިކެޓް ހަވާލުކުރާނެ ވަކި ދުވަހެއް އަދި ކަނޑައަޅާފައި ނުވާ ކަމަށެވެ. ނަމަވެސް ރަސްމީކޮށް ޓިކެޓް ހަވާލުކުރުމާ އެކު އެމްއެންޕީގެ ރަސްމީ ކެމްޕޭން ފަށާނެ ކަމުގައިވެސް ވިދާޅުވި އެެވެ.

އެމްއެންޕީން ރިޔާސީ އިންތިހާބުގައި ވާދަކޮށް އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ނާޒިމު މީގެކުރިން ވިދާޅުވެފައިވެ އެވެ.