ޕީޕީއެމް

"ފެލާލައިފި"ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް

އިދިކޮޅު ޕީޕީއެމް އިން "ފެލާލައިފި"ގެ ނަމުގައި ހާއްސަ ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.

މި ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ރޭ 8:30 ގައި ކާނިވަލް ސަރަހައްދުގަ އެވެ.

ސަރުކާރާ މެދު ހިތްހަމަނުޖެހޭ ވީހާވެސް ގިނަ ބަޔަކު މިޖަލްސާގައި ބައިވެރިވުމަށް ޕީޕީއެމް އިން ވަނީ ދައުވަތު ދީފަ އެވެ.

"ފެލާލައިފި"ގެ ނަމުގައި މި ޖަލްސާ ބާއްވަން ނިންމީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދައި، ރައްޔިތުންގެ އަތުން ނަގަމުންދާ ޓެކްސް ބޮޑުކޮށް، ތަކެތީގެ އަގު އުފުލާ، ޚިދުމަތްތަކުގެ އަގު ބޮޑުވެ، އެކި ނަންނަމުގައި ރައްޔިތުން ޖޫރިމަނާކޮށް ރައްޔިތުން "ފެލަމުންދާތީ" އެކަންކަމަށް އަޑުއުފުލުމުގެ ގޮތުން ކަމުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަނުން މީގެކުރިންވެސް ވަނީ ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފާޑު ކިޔުމުގެ ގޮތުން ހާއްސަ ޖަލްސާތަކެއް ބާއްވާފަ އެވެ.

މިފަދަ ޖަލްސާތަކުގައި ވަރަށް ގިނަ ބަޔަކު ބައިވެރިވެ ސަރުކާރަށް ފާޑުކިޔާފައިވާ ކަން ވެސް ފާހަގަކުރެވެ އެވެ.