ދުނިޔެ

ޔުކްރޭންގައި ބަހައްޓާ ޕެޓްރިއޮޓް ސިސްޓަމަށް ހަމަލާ ދޭނަން: ރަޝިއާ

ޔުކްރޭން ހަނގުރާމާގައި ރަޝިއާއާ ދެކޮޅަށް ހަރަކާތްތެރިވާ ނަމަ އެ ބަޔަކަށް ހަމަލާދިނުމަކީ ރަޝިއާ ކުރާނެ ކަމެއް ކަމަށް އޮތީ ބުނެފަ އެވެ. ރަޝިއާއަށް ހަމަލާދޭން ޔުކްރޭނަށް ފޮނުވާ ހަތިޔާރު ޝިޕްމަންޓަކީ ވެސް ސައްހަ އަމާޒުތަކަކަށް ވާެނެ ކަމަށް ވެސް ރަޝިއާއިން ކުރިއާލައި އޮތީ ބުނެފަ އެވެ.

ރަޝިއާގެ ރިޔާސީގަނޑުވަރު ކްރެމްލިންއިން ބުނި ގޮތުގައި މިސައިލުން ދިފާއުވުމަށް ޔުކްރޭނަށް އެމެރިކާއިން ފޮނުވާ ޕެޓްރިއޮޓް މިސައިލް ސިސްޓަމަކީ ވެސް ސައްހަ -- ރަޝިއާގެ ޖެޓްތަކުން ހަމަލާދީ ނައްތާލަން ޝަރުތު ފުރިހަމަވާ އަމާޒެއް ކަމަށެެވެ.

ޔުކްރޭނާ ބައިވެރިވެގެން ރަޝިއާއާ ދެކޮޅަށް ނުކުމެއްޖެ ނަމަ އެ ބަޔަކަށް އެ ތިބެވެނީ ހަނގުރާމާގައި ބައިވެެރިވެވިފައި ކަމަށް ވެސް ކްރެމްލިން އިން ބުނެ އެވެ.

އެމެރިކާއިން ޕެޓްރިއޮޓް މިސައިލް ޑިފެންސް ސިސްޓަމެއް ޔުކްރޭނަށް ފޮނުވަން އުޅޭ ވަހަކައިން ނޫސްތަކުގެ ސުރުޚީތައް އިއްޔެ އޮތީ ހިސޯރުކޮށްފަ އެވެ. ޕެންޓަގަނުން ބުނާ ގޮތުން އެމެރިކާގައި މިސައިލް ސިސްޓަމަށް ގެންނަން ޖެހޭ ބަދަލުތަކަށް ފަހު ލަސްނުކޮށް ޔުކްރޭނަށް ފޮނުވާނެ އެވެ.

އެެހެން ނަމަވެސް، މިކަމާ ބެހޭ ގޮތުން ވައިޓް ހައުސްގައި ވާހަކަދައްކަވަމުން ނެޝަނަލް ސެކިޔުރިޓީ ކައުންސިލްގެ ތަރުޖަމާން ޖޯން ބާކީ ވިދާޅުވި ގޮތުގައި، އެމެރިކާއިން ޕެޓްރިއޮޓް މިސައިލް ސިސްޓަމެއް ޔުކްރޭނަށް ފޮނުވަން އުޅޭކަން ވައިޓް ހައުސްއަށް އެނގިފައެއް ނުވެ އެވެ.

އޭނާ އަދި ވިދާޅުވީ ވައިޓް ހައުސްއިން ކަމެއް އާންމުކުރާ ހިސާބަށް ދިއުމުން -- އާންމު އުސޫލުން އެކަންކުރާ ގޮތަށް، ކޮންމެ ކަމެއް ވެސް އާންމުކުރާނެ ކަމަށެވެ.

އެމެރިކާގައި އުފައްދާ ޕެޓްރިއޮޓް މިސައިލް ޑިފެންސް ސިސްޓަމަކީ ވަރަށް ހުޝިޔާރު ނިޒާމެކެވެ. ކޮންމެ ވައްތަރެއްގެ މިސައިލެއް ނަމަވެސް ވައިގެ ތެރޭގައި ނައްތާލުމަށް ރާޑަރު ޓެކްނޮލޮޖީގެ އެހީގައި އުފައްދާފައިވާ މި ނިޒާމާ މެދު އެމެރިކާ ފަޚުރުވެރިވެ އެވެ.

އެހެން ނަމަވެެސް، ރަޝިއާގެ ރިޔާސީ ގަނޑުވަރުގެ ތަރުޖަމާން ވިދާޅުވީ ޔުކްރޭންގައި މިސައިލް ޑިފެންސް ސިސްޓަމެއް ބަހައްޓައިފި ނަމަ، އެއަށް ހަމަލާ ދިނުމަކީ ރަޝިއާއަށް ހުއްދަ ކަމެއް ކަމަށެވެ.

އޭނާ އަދި ވިދާޅުވީ ރަޝިއާއިން އެކަން ކުރާނެ ކަމަށެވެ. އެކަމަކު އިތުރު ތަފުސީލެއް ނުދެއްވަ އެވެ.