އައްޑޫ ސިޓީގެ ހުޅުމީދޫ ސިއްހީ މަރުކަޒުގައި މުޅިން އަލަށް ގިނަ ހިދުމަތްތަކެއް ދޭން ފަށައިފި އެވެ.
އައްޑޫ އަދި ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހުޅުމީދޫ ސިއްހީ މަރުކަޒުގައި އަލަށް ފެށި ހިދުމަތްތައް މިއަދު އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.
ހުޅުމީދޫ ސއްހީ މަރުކަޒުގައި އަލަށް ފަށާފައިވަނީ ލޮލުގެ ފަރުވާ އާއި ދަތުގެ ފަރުވާ އަދި ކަރުންމަތީގެ ބަލިތަކުގެ ފަރުވާގެ އިތުރުން އެކްސްރޭގެ ހިދުމަތާއި ފިޒިއޮތެރަޕީއާ އަދި ޑަޔަލަސިސްގެ ހިދުމަތެވެ.
މި ހިދުމަތްތައް އިފްތިތާހުކުރުމުގެ ގޮތުން ސ. އަތޮޅު މަދަރުސާގެ ހޯލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވީ ސިއްހީ ހިދުމަތްތައް ފުޅާކުރުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އަމާޒު ކަމަށެވެ. ހުޅުމީދޫ ސިއްހީ މަރުކަޒުގައި އަލަށް ފެށުނު ހިދުމަތްތަކަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި އަދި އެއީ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެއް ކަމުގައިވެސް ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ސިއްހީ ހިދުމަތައް ތަރައްގީކުރުމުގެ ގިނަ މަސައްކަތްތައް ކުރިއަށް ރޭވި ހިނގަމުންދާނެ ކަމަށެވެ.
"އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް އިތުރަށް ތަރައްގީކުރުމާ އަތޮޅުތަކުގައި ޓާޝަރީ ހޮސްޕިޓަލްތައް އެޅުމުގެ މަޝްރޫއުތައް ރޭވި ހިނގަމުން އެބަދޭ. މީގެ އިތުރުން އައްޑޫ ސިޓީގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ވެސް ކުރިއަށް އެބަދޭ،" އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މި ހިދުތްތައް އިފްތިތާހުކޮށްދެއްވުމަށްފަހު ނައިބް ރައީސް ވަނީ ހިދުމަތްތައް ދިނުމަށް ތައްޔާރުކޮށްފައިވާ ކޮންސަލްޓޭޝަން ރޫމްތަކާއި އިންތިޒާމުތައް ބައްލަވާލައްވައި، ސިއްހީ މަރުކަޒުން ހިދުމަތް ހޯއްދެވުމަށް ވަޑައިގެން ތިއްބެވި ބައެއް އާއްމުންނާ ވެސް ބައްދަލުކުރައްވާފަ އެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާއި ވަކިން އޮންނަ، ހުޅުމީދޫގައި ހުންނަ ހުޅުމީދޫ ސިއްހީ މަރުކަޒު ވެސް ހިންގަމުން އަންނަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ދަށުންނެވެ. އަދި ވަކި ތާވަލެއްގެ ދަށުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ ހާއްސަ ބަލިތަކުގެ ޑޮކްޓަރުން ހުޅުމީދޫ ސިއްހީ މަރުކަޒުގައި ފަރުވާދެ އެވެ. ހުޅުމީދޫ ސިއްހީ މަރުކަޒަކީ 16 އެނދުގެ 24 ގަޑިއިރު ހިދުމަތްދޭ މަރުކަޒެކެވެ.