އެމެރިކާ ސިފައިން ޔޫކްރޭނަށް ފޮނުވުމަށް ޓަކައި ދައްކާނެ ބަހަނާއެއް އޮތްތޯ އެމެރިކާއިން ބަލަން ފަށައިފި އެވެ.
އެމެރިކާގެ އޮފިޝަލުން ދެކޭ ގޮތުގައި ޔުކްރޭންގައި އެމެރިކާގެ އަސްކަރިއްޔާ ގާއިމުވުމަކީ މިހާރަށް ކޮންމެހެން މުހިންމު ކަމެކެވެ.
އެމެރިކާ ސަރުކާރުގެ އޮފިޝަލުން މެދުގައި ހިނގާ ސިއްރު މަޝްވަރާތައް ދެނެހުރި މީހަކު ބުނި ގޮތުން ޔުކްރޭނަށް އެމެރިކާ ސިފައިން ފޮނުވެން އޮތް ގޮތެއް ކަމަށް ވާހަކަ ދެކެވެނީ ޔުކްރޭނަށް ފޮނުވާ ހަތިޔާރުތަކަށް ވާގޮތް ބެލުމަށް ކަމަށް ހަދައިގެންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާއިން ޔުކްރޭނަށް ފޮނުވާ އެތައް ބިލިއަން ޑޮލަރުގެ ހަތިޔާރެއް، އެފްރިކާގައި ވަކިވެގަތުމަށް މަސައްކަތްކުރާ ކުލީ ސިފައިންނަށް ވެސް ވަނީ ފޯރާފަ އެވެ.
އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޔުކްރޭނަށް ފޮނުވާ ހަތިޔާރަށް ވާގޮތް ބެލުމަށް ޔުކްރޭނަގައި ސިފައިން ތިބުމުން އެމެރިކާ ސަރުކާރަށް ދެތިން ކަމެއް ހައްލުކުރެވޭނެ އެވެ.
މި ގޮތުން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ތިއްބެވި ރިޕަބްލިކަން މެމްބަރުންގެ ފަރާތުން ސަރުކާރަށް ކުރާ ޕްރެޝަރު ކުޑަވުން ހިމެނެ އެވެ. އަދި ޔުކްރޭނަށް ހަތިޔާރު ފޮނުވުމަށް އެމެރިކާ ވެފައި އޮތް ވައުދު ދެމެހެއްޓެނިވި ގޮތުގައި ކުރިއަށް ގެންދަން ރުހުން ލިބިމަކީ ވެސް ސަރުކާރަށް ފައިދާއަކަށް ވާނެ އެވެ.
ރިޕަބްލިކަން މެމްބަރުން ބުނާ ގޮތުން ޔުކްރޭނަށް ފޮނުވާ ހަތިޔާރަށް ވާގޮތް -- ސައްހަ އޯޑިޓަކުން ކަށަވަރު ކުރުމަށް ފަހުގައި ނޫނީ ބައިޑަން ސަރުކާރަށް ދެން ބޮޑު ލާރިއެއް ވެސް ޔުކްރޭނަށް ހަރަދު ނުކުރެވޭނެ އެވެ.
އަދި ބައިޑަންގެ ސަރުކާރުން އެއްވެސް ޝަރުތެއް ނެތި ޒެލެންސްކީ ސަރުކާރަށް ފޯރުކޮށްދޭ "ބްލޭންކް ޗެކް"ތައް ވެސް ހުއްޓުވާލާނެ އެވެ.
ޔުކްރޭންގައި މިހާރު އޮތް ހާލަތަށް ބަލާއިރު އާންމު ޚަބަރުތަކަށް ނާރާ ކިތަންމެ ކަމެއް ދަނީ ހިނގަމުންނެވެ. ޔުކްރޭންގައި މިހާރު ވެސް އެމެރިކާ ސިފައިން ތިބި ކަމަށް ބުނެވޭ ބުނުމަކީ ކުރެވޭ ހީއަކަށް ވުރެ ބޮޑަށް ޔަގީނާ ކައިރި ކަމެކެވެ.
ޕެންޓަގަންއިން ބުނާ ގޮތުން ޔުކްރޭންގައި ތިބީ އެމެރިކާގެ އަސްކަރިއްޔާއަށް ނިސްބަތްކުރެވޭ މަދު ބައެކެވެ.
އެހެން ނަމަވެސް، ލީކުވެފައި ހުރި މައުލޫމާތަށް ބަލާއިރު ޔުކްރޭން ހަނގުރާމަ މިހާރު ކުރިއަށް ދަނީ ޔުކްރޭންގައި -- އަދި ފަރުދާގެ ފަހަތުގައި އެމެރިކާގެ އަސްކަރިއްޔާ އޮވެގެންނެވެ.
ޔުކްރޭންގެ ވެރިރަށް ކިޔެވްއިން ބޭރުގައި ވެސް އެމެރިކާ ސިފައިން ހަރަކާތްތެރިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.
ރިޕަބްލިކަނުން ކުރާ ޕްރެޝަރަށް ބައިޑަން ސަރުކާރުން ދައްކާ ހުއްޖަތަކީ ޔުކްރޭނަށް ސިފައިން ފޮނުވައިގެން ނޫން ގޮތަކަށް އެ ގައުމަށް ފޮނުވާ ހަތިޔާރަށް ވާގޮތް ނުބެލޭނެ ކަމަށެވެ.
އެހެން ނަމަވެސް، ސިޔާސީ މަސްލަހަތު ދިރާސާކުރާ މީހުން ދެކޭ ގޮތުގައި މިއީ އެމެރިކާއިން ބޮލުން ކުޅޭ ކުޅިއެކެވެ. އަދި އެއީ ޔުކްރޭނަށް ސިފައިން ފޮނުވަން ގާނޫނުހަދާ މަޖިލީހުން ރުހުން ހޯދުމަށްޓަކައި ގަސްދުގައި ދައްކާ ބަހަނާ އެކެވެ.
"ޔުކްރޭނަށް ފޮނުވާ ހަތިޔާރަށް ވާގޮތް ބެލުމަކީ އަޅުގަނޑުމެންނަށް މިވަގުތު ކުރެވޭ ވަރަށް ބުރެ ބޮޑު ކަމެއް،" ގާނޫނު ހަދާ މަޖިލީހުގެ "އާމްޑް ސާވިސަސް ކޮމިޓީ"ގެ ޑިމޮކްރެޓިކް ޕާޓީގެ މެމްބަރު، ސާރާ ޖެކޮބްސް ވިދާޅުވި އެވެ.
ސާރާ ވިދާޅުވީ އެކަން ކުރެވޭނެ ވަރުގެ މޮބިލިޓީއެއް -- ބަލަހައްޓާނެ ބަޔަކު ޔުކްރޭންގައި ނެތް ކަމަށެވެ.
މިހާތަނަށް ހަތިޔާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި ނަމަވެސް ހަގީގަތުގައި އެއީ އެކަން އޮތް ގޮތެއް ނޫނެވެ.
ސާރާ ވިދާޅުވި ގޮތުގައި ޔުކްރޭނަށް ފޮނުވާ ހަތިޔާރު އެނޫން ދިމަދިމާއަށް ދާކަން ރަޝިއާއިން ކަށަވަރުކުރާނެ ކަމަށެވެ.
"އެއީ އެމެރިކާއަށް އޮތް ޕްރެޝަރަކަށް ވާނެ" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.