މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

ގިރާވަރުފަޅު ސިޓީއެއް ގޮތަށް ތަރައްގީކުރަން ހުޅުވާލައިފި

Dec 16, 2022

ގިރަފާޅު ހިއްކައިގެން "ރެސިޑެންޝަލް ސިޓީ"އެއް ތަރައްގީކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފި އެވެ.

ކްރޮސް ސަބްސިޑީ އުސޫލުން މަޝްރޫއު ކުރިއަށް ގެންދިއުމަން ނިންމާ، މިމަޝްރޫއަށް ފައިނޭންސް ކުރާ ބަޔަކަށް ފަތުރުވެރިކަމުގެ ބޭނުމަށް ރަށެއް، ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޭނެ އެވެ.

މިމަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން ކަމާ ގުޅޭ ފޯމް މެދުވެރިކޮށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމަށް އިކޮނޮމިކް މިނިސްޓްރީން ފުރުސަތު ހުޅުވާލާފައިވަނީ ވަކި މުއްދަތެއް ނެތް ގޮތަށެވެ.

ގިރާވަރު ފަޅު ހިއްކުމަށްފަހު އެތަނުން މާލޭ ރައްޔިތުންނަށް 2،000 ގޯތި ދޫކުރާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިއުލާން ކުރެއްވީ މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގަ އެވެ.

ރިޔާސީ ބަޔާނުގައި މާލޭގެ ރައްޔިތުންނަށް އިތުރު 3،000 ގޯއްޗާއި 4،000 ފްލެޓް އަޅައި ދޫކުރާނެ ކަމަށްވެސް ރައީސް އިއުލާން ކުރެއްވި އެވެ. ފްލެޓްތައް އެޅުމުގެ މަސައްކަތް ހުޅުމާލޭގައި މިހާރު ވަނީ ފަށާފަ އެވެ. ރައީސް ވިދާޅުވި އިތުރު 3،000 ގޯތީގެ ތެރެއިން 2،000 ގޯތި ދޫކުރަނީ ގުޅިފަޅުން އަދި 1،000 ގޯތި ދޫކުރަނީ ހުޅުމާލެ އިންނެވެ.