ބޯހިޔާވަހިކަން

ގިރާވަރުފަޅު ތަރައްގީއަށް 22 މިލިއަން ޑޮލަރަށް ފަޅެއް ވިއްކާލައިފި

ގިރާވަރުފަޅު ތަރައްގީކުރަން 22 މިލިއަން ޑޮލަރު -- 339 މިލިއަން ރުފިޔާއަށް ފަޅެއް ވިއްކާލައިފި އެވެ.

ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުނި މޯލްޑިވްސް ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އަށް ގިރާވަރު ފަޅު ތަރައްގީކުރުން ހަވާލުކުރީ ކްރޮސް ސަބްސިޑީގެ އުސޫލުންނެވެ.

ގިރާވަރު ފަޅު ތަރައްގީކުރުމަށް ވިއްކާލީ ނ. އަތޮޅުގެ ފަޅެކެވެ. މި ފައިސާ އަކީ ގިރާވަރު ފަޅު މަޝްރޫއުގެ އިކުއިޓީއަށް ބޭނުންވާ ފައިސާ އެވެ.

ނ. އަތޮޅުގެ އެ ފަޅު ވިއްކާލީ ސުވިޒަލޭންޑްގެ ކުންފުންޏަކަށެވެ. އެ ފައިސާގެ ތެރެއިން ހަ މިލިއަން ޑޮލަރު -- 92 މިލިއަން ރުފިޔާ މިހާތަނަށް ވަނީ ލިބިފަ އެވެ.

ގިރާވަރުފާޅު ހިއްކައިގެން "ރެސިޑެންޝަލް ސިޓީ"އެއް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން މިދިޔަ ޑިސެމްބަރު މަހު ވަނީ އިއުލާންވެސް ކޮށްފަ އެވެ.

ގިރާވަރު ފަޅު ހިއްކުމަށްފަހު އެތަނުން މާލޭ ރައްޔިތުންނަށް 2،000 ގޯތި ދޫކުރާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިއުލާން ކުރެއްވީ މިދިޔަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގަ އެވެ.

ރިޔާސީ ބަޔާނުގައި މާލޭގެ ރައްޔިތުންނަށް އިތުރު 3،000 ގޯއްޗާއި 4،000 ފްލެޓް އަޅައި ދޫކުރާނެ ކަމަށްވެސް ރައީސް އިއުލާން ކުރެއްވި އެވެ. ފްލެޓްތައް އެޅުމުގެ މަސައްކަތް ހުޅުމާލޭގައި މިހާރު ވަނީ ފަށާފަ އެވެ. ރައީސް ވިދާޅުވި އިތުރު 3،000 ގޯތީގެ ތެރެއިން 2،000 ގޯތި ދޫކުރަނީ ގުޅިފަޅުން އަދި 1،000 ގޯތި ދޫކުރަނީ ހުޅުމާލެ އިންނެވެ.