ސްޕެއިން ޓީމުގެ ކެޕްޓަން ސާޖިއޯ ބުސްކެޓް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.
އުމުރުން މިހާރު 34 އަހަރުގެ މިޑްފީލްޑަރު ވަނީ ސްޕެއިންއާ އެކު 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި 2012 ވަނަ އަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އަދި، މިފަހަރުގެ ވޯލްޑް ކަޕްގައި ސްޕެއިން ޓީމުގެ ކެޕްޓަންކަން ކުރީ ބުސްކެޓްސް އެވެ. ވޯލްޑް ކަޕުން ސްޕެއިން ކެޓީ ދެވަނަ ބުރުގައި މޮރޮކޯއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެންނެވެ.
"ގާތްގަނޑަކަށް 15 އަހަރު ދުވަހު 143 މެޗު ކުޅެ، މިއީ ގައުމީ ޓީމާ އަލްވަދާއު ކިޔަންވީ ވަގުތު. ގައުމީ ޓީމު ތަމްސީލުކޮށް ގައުމަށް ކުރިއެރުން ހޯދައިދެވުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް" ކުޅުން ހުއްޓާލިކަން އިއުލާން ކުރަމުން ބުސްކެޓްސް ބުންޏެވެ.
ގައުމީ ޓީމުން ރިޓަޔާ ކުރިޔަސް ބާސެލޯނާގެ މިޑްފީލްޑަރު ކްލަބް ފުޓްބޯޅަ އަދި ކުޅޭނެ އެވެ. ބުސްކެޓްސް ގައުމީ ޓީމަށް ކުޅުން ހުއްޓާލުމާ އެކު ސްޕެއިންގެ ކާމިޔާބީގައި ބޮޑު ހިއްސާއެއްވާ މިޑްފީލްޑް ހުރިހާ ކުޅުންތެރިން ރިޓަޔާކުރީ އެވެ. ބުސްކެޓްސްއާ އެކު ކުޅުނު އަންދްރެސް އިނިއެސްޓާ އާއި ޒަވީ ވަނީ މީގެ ކުރިން ސްޕެއިން ޓީމަށް ކުޅުން ހުއްޓާލާފަ އެވެ.
ސްޕެއިން ޓީމަށް ބުސްކެޓްސް ފުރަތަމަ މެޗު ކުޅުނީ 2009 އޭޕްރީލް އެއް ވަނަ ދުވަހު އެވެ. އެއީ ވޯލްޑް ކަޕް ކޮލިފައިންގައި ތުރުކީއާ ދެކޮޅަށް ސްޕެއިން ކުޅުނު މެޗެކެވެ. އޭގެފަހުން ވޯލްޑް ކަޕާއި ޔޫރޯ ކާމިޔާބު ކުރިއިރު ބުސްކެޓްސް ސްޕެއިންގައި މޮޅު ކުޅުމެއް ދެއްކި އެވެ. ބުސްކެޓްސް ވަނީ ހަތަރު ވޯލްޑް ކަޕާއި ޔޫރޯގެ ތިން މުބާރާތުގައި ކުޅެފަ އެވެ.
ގައުމީ ޓީމުގެ އިތުރުން ކްލަބުގައި ވެސް ބުސްކެޓްސް އަކީ ކާމިޔާބު ކުޅުންތެރިއެކެވެ. ބާސެލޯނާ އަށް ގާތްގަނޑަކަށް 700 އެއްހާ މެޗު ކުޅެފައިވާއިރު ގިނަ ތަށިތަކެއް ވަނީ ހޯދައިފަ އެވެ. އޭގެތެރޭގައި ސްޕެނިޝް ލީގު އަށް ފަހަރު ކާމިޔާބު ކުރުމާއި، ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދުން ހިމެނެ އެވެ.