ގަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ 22 ވަނަ މުބާރާތުގެ ތިންވަނަ ކްރޮއޭޝިއާ ހޯދައިފި އެވެ. ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ކްރޮއޭޝިއާ ތިންވަނަ ކަށަވަރުކުރީ މޮރޮކޯ 2-1 އިން ބަލިކޮށްގެންނެވެ.
މިއީ ވޯލްޑް ކަޕްގެ ތިންވަނަ ކްރޮއޭޝިއާ ހޯދި ދެވަނަ ފަހަރެވެ. މީގެކުރިން ކްރޮއޭޝިއާ އިން ތިންވަނަ ހޯދީ 1998 ވަނަ އަހަރު ނެދަލެންޑްސް ބަލިކޮށްގެންނެވެ. ކްރޮއޭޝިއާ އަށް ވޯލްޑް ކަޕްގައި ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ މީގެ ހަތަރު އަހަރު ކުރިން ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގެ ދެވަނަ އެވެ. އެފަހަރު ފައިނަލުގައި ފްރާންސާ ވާދަކޮށް ކްރޮއޭޝިއާ ބަލިވީ 4-2 އިންނެވެ.
މިފަހަރުގެ ވޯލްޑް ކަޕްގައި އެންމެ ސަޕްރައިޒިން ޓީމަކީ މޮރޮކޯ އެވެ. ހަތަރު ވަނައާ އެކު މޮރޮކޯ އަށް މިއީ އެންމެ ކާމިޔާބު ވޯލްޑް ކަޕެވެ. މި މުބާރާތާ އެކު މޮރޮކޯ ވެފައިވަނީ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ކުޅުނު އެފްރިކާގެ ފުރަތަމަ ގައުމަށެވެ. ވޯލްޑް ކަޕްގެ ހަތަރު ވަނަ ހޯދިއިރު މޮރޮކޯ އިން ވަނީ ބެލްޖިއަމް، ސްޕެއިން އަދި ޕޯޗުގަލް ބަލިކޮށްފަ އެވެ.
މިރޭގެ މެޗުގައި ތިން ގޯލު ވެސް ފެނުނީ ފުރަތަމަ ހާފުގަ އެވެ. މެޗުގެ ފުރަތަމަ ގޯލު ހަތް ވަނަ މިނެޓުގައި ޖެހީ ކްރޮއޭޝިއާގެ ޑިފެންޑަރު ޔޮސްކޯ ގްވާޑިއޮލް އެވެ. އިވާން ޕެރިސިޗް ބޮލުން ދިން ބޯޅަ ގްވާޑިއޮލް ވަނީ ބޮލުން ޖަހައި ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލާފަ އެވެ. ގްވާޑިއޮލް އަކީ މިފަހަރުގެ ވޯލްޑް ކަޕްގައި އެންމެ ވިދުންގަދަ ޑިފެންޑަރެވެ. ޖުމްލަކޮށް މުޅި މުބާރާތުގައި އޭނާ މޮޅު ކުޅުމެއް ދެއްކި އެވެ.
މޮރޮކޯ އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ ކްރޮއޭޝިއާ ގޯލު ޖެހިތާ ދެ މިނެޓު ފަހުންނެވެ. މި ގޯލު ކާމިޔާބުކޮށްދިނީ އަޝްރަފް ދާއީ އެވެ. މިއީ ހަކީމް ޒިޔެޗް ނަގައިދިން ހުރަހެއް ކްރޮއޭޝިއާގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި އޭރިޔާ ތެރެއަށް ވެއްޓުނު ވަގުތު ދާރީ ބޮލުން ޖެހި ގޯލެކެވެ.
ކްރޮއޭޝިއާ އިން މެޗުގައި ދެވަނަ ފަހަރަށް ލީޑު ނެގީ 42 ވަނަ މިނެޓުގަ އެވެ. މި ގޯލު ކާމިޔާބުކޮށްދިނީ މާކޯ ލިވާޔާ އެވެ. އޭރިޔާ ބޭރުން ލިވާޔާ އަށް ލިބުނު ބޯޅަ ވައްދާލީ ގޯލުގެ މަތީ ކަނަށެވެ.
ދެވަނަ ހާފުގައި މޮރޮކޯ އިން ވަނީ ކުރިއަށް ޖެހި ގޯލެއް ޖެހޭތޯ މަސައްކަތްކޮށްފަ އެވެ. މި ހާފުގައި ކްރޮއޭޝިއާ އިން ވެސް ކައުންޓަ އެޓޭކުގައި ހަމަލާތައް އުފައްދައިފަ އެވެ.
ވޯލްޑް ކަޕްގައި ބާކީ އޮތީ ފައިނަލް މެޗެވެ. ފައިނަލުގައި ވާދަކުރާނީ އާޖެންޓީނާ އާއި ފްރާންސެވެ. މާދަމާ ރޭ އަށެއް ޖަހާއިރު ފަށާ ފައިނަލް މެޗު ކުޅޭނީ ގަތަރުގެ ލުސައިލް ސްޓޭޑިއަމްގަ އެވެ.