ޝާހް ރުކް ޚާން އާއި ދީޕިކާ ޕަދުކޯންގެ "ޕަތާން"ގެ ފުރަތަމަ ލަވަ ރިލީޒްކުރުމާއެކު އެ ލަވައާ މެދު ގިނަ ބަޔަކު ހިތްހަމަނުޖެހުނެވެ. އެ ލަވައިގައި ދީޕިކާ ލާފައި ހުރި ހެދުންތައް ނިވާކަން ކުޑަކަމުންނާއި ނަށާ ނެށުން ބޭއަދަބީ ކަމުންނެވެ. މި ލަވަ ދެކެ މީހުން އައި ރުޅީގެ ނޭދެވޭ އަސަރު މިހާރު މުޅި ފިލްމަށް ވެސް ވަނީ ކުރަން ފަށާފަ އެވެ. އަދި ފިލްމު ބޮއިކޮޓްކުރަން ގޮވާ އަޑު ވަނީ ގަދަވެފަ އެވެ.
އިންޑިއާގެ އިންދޯރުގައި މި ފިލްމާ ދެކޮޅަށް ހަޅުތާލުކުރާ މީހުން ޝާހް ރުކްގެ ސިފައިގައި ހަދާފައި ހުރި ބުދުތައް އަންދައިފައި ވެއެވެ. އަދި ހުކުރު ދުވަހު މަދްޔަ ޕްރަދޭޝްގެ ޖަބަލްޕޫރުގައި ވެސް ވަރުގަދަ މުޒާހަރާއެއް ފިލްމާ ދެކޮޅަށް ބާއްވާފައި ވެއެވެ. އަދި ބަޖްރަންގް ދާލް އާއި ވިޝްވާ ހިންދޫ ޕަރިޝާދު (ވީއެޗްޕީ)ގެ މީހުން މުޒާހަރާކުރަމުން ގޮސް "ޕަތާން"ގެ ޝޫޓިން ކުރިއަށް ދިޔަ ތަނަކަށް ވަދެ އެ ޝޫޓިން ވެސް ހުއްޓުވާފައި ވެއެވެ.
އެވަގުތު އެ ސެޓުގައި ޝާހް ރުކް ޚާނެއް ނެތެވެ. ފިލްމު ޝޫޓް ކުރަމުން ދިޔައީ ޝާހް ރުކްގެ ބޮޑީޑަބަލް އެއް ލައްވަ އެވެ.
މި ފިލްމު ދެކެ ރުޅިއައިސްގެން އުޅެނީ ހަމައެކަނި ހިންދޫންނެއް ނޫނެވެ. އިންޑިއާގެ މުސްލިމް ޕާޓީތައް ވެސް މި ފިލްމާ ދެކޮޅެވެ.
ފިލްމާ ދެކޮޅު މީހުން އިތުރުވަމުންދާތީ ޝާޙް ރުކް ވަނީ ދާދިފަހުން މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާފަ އެވެ. އޭނާ ބުނެފައިވަނީ މި ފިލްމަކީ ވަރަށް ވަތަނީ ފިލްމެއް ކަމަށާއި އެއްވެސް ދީނެއްގެ ހުރުމަތް ކެނޑޭ ކަހަލަ ކަމެއް މި ފިލްމުގައި ނުދައްކާނެ ކަމަށެވެ.
މި ފިލްމުގެ ދެކެ ހިންދޫން ރުޅިގަދަވީ ހިންދޫ ދީނަށް ޚާއްސަ އޮރެންޖް ކުލައިގެ ބިކިނީއެއް ފިލްމުގެ މިހާތަނަށް ރިލީޒްކުރި ހަމައެކަނި ލަވައިގައި ދީޕިކާ ލައިގެން ހުރެގެންނެވެ.
ހިންދޫ ޕާޓީއެއް ކަމަށްވާ ބަޖްރަގް ދާލް އިން ބުނީ މި ފިލްމު ބޯޕާލްގައި ރިލީޒްކުރިޔަ ނުދޭނެ ކަމަށެވެ.
ޔާޝްރާޖް ފިލްމްސް އިން ޕްރޮޑިއުސްކުރާ މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހު އެވެ.