ދުނިޔެ

މަސްޓޭންކާ ބެހޭ ތަޖުރިބާކާރުން އެމެރިކާއިން ޖަރުމަނަށް ފޮނުވަނީ

ޖަރުމަނުގެ ވެރިރަށް ބާލިންގައި "އެކުއާޑޮމް" އެކުއޭރިއަމް - މާސިންގާ މަސްޓޭންކެއް ފަޅައިގެން ދިޔަ މައްސަލަ ބެލުމަށް އެމެރިކާ އިން ތަޖުރިބާކާރުންގެ ޓީމެއް ފޮނުވަނީ އެވެ.

އެކުއާޑޮމް ހޮޓަލުގައި މަސްޓޭންކް ބިނާކޮށްފައިވަނީ އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ރެނޮލްޑްސް ޕޮލިމާ ޓެކްނޮލޮޖީންގެ ބައިވެރިވުން ވެސް އޮވެގެންނެވެ. ބާލިންއަށް ފޮނުވަން ހަމަޖައްސާފައި އޮތް ޓީމުގައި ހިމެނެނީ ވެސް މިކުންފުނީގެ ތަޖުރިބާކާރުންނެވެ.

މަސްޓޭންކް ފަޅައިގެން ދިޔައީ ބާލިންގައި މާބޮޑަށް ފިނިގަދަވުމުގެ ސަބަބުން ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ. އެހެންނަމަވެސް، ރެނޮލްޑް މޮލިމާއިން ބުނާ ގޮތުން މަސްޓޭންކް ފަޅައިގެން ދިޔައީ ކޮން ސަބަބަކާ ހެދިކަން އަދި ނެދެގަނެވިފައި ނުވެ އެވެ.

އެކުއާޑޮމް އުފައްދާފައި ވަނީ ވަށްބުރު ހަމަކޮށް ބިއްލޫރި ފަަދަ އެތެރެ ފެންނަ މާއްދާއަކުންނެވެ.

މި ޓޭންކްގައި ތަފާތު 100 ވައްތަރެއްގެ 1،500 މަސް ހުރި ކަމަށް ވެއެެވެ. އެހެންނަމަވެސް، ހުކުރު ދުވަހު ހެނދުނު ޓޭންކް ފަޅައިގެން ދިއުމުގެ ސަބަބުން މި ހުރިހާ މަހެއް ވަނީ މަރުވެފަ އެވެ.

އުސްމިނުގައި 53 ފޫޓް އަދި ފުޅާމިނުގައި 37.7 ހުންނަ އެކުއާޑޮމް އަކީ ބާލިންގެ އެންމެ މަޝްހޫރު އެއް މަންޒިލެވެ.

މި ޓޭންކުގައި އެއްމިލިއަން ލީޓަރުގެ ފެން ހުރެ އެވެ. އޭގެ ޖުމްލަ ބަރުދަނުގައި 2،000 ޓަނު ހުރެ އެވެ.

ޖަނަވާރުންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ "ޕީޕަލް ފޮ ދި އެތިކަލް ޓްރީޓްމަންޓް އޮފް އެނިމަލްސް" އިން ވަނީ މަސްޓޭންކް ފަޅައިގެން ދިޔަ މައްސަލާގައި ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ.

އެ ޖަމިއްޔާއިން ބުނީ އަކުއާޑޮމް ހޮޓަލުގެ މަސްޓޭކްން ގޮވި މައްސަލާގައި ހޮޓަލުގެ ވެރިންނާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ވިސްނާނެ ކަމަށެވެ.