ފެމިލީ ކޯޓް

ފެމިލީ ކޯޓު ވެސް ރިސެސްއަށް

ފެމިލީ ކޯޓުވެސް މި މަސް ނިމެންދެން ރިސެސްއަށް ދާން ނިންމައިފި އެވެ.

ފެމިލީ ކޯޓުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން އެ ކޯޓުގެ ރިސެސް ފަށާފައިވާ ކަމަށެވެ. އަދި ރިސެސްގެ މުއްދަތު ނިމޭނީ ޑިސެމްބަރު 31 ވަނަ ދުވަހު އެވެ.

މިގޮތުން ރިސެސްގެ މުއްދަތުގެ ތެރޭގައި މައްސަލަތައް ހިންގުން މަދުކުރެވޭނެ އެވެ. ނަމަވެސް ފޯމު ބަލައިގަތުމާއި ކައިވެނި ކޮށްދިނުން ފަދަ އިދާރީ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް ފެމިލީ ކޯޓުން ބުނެ އެވެ.

މީގެ އިތުރުން މި މުއްދަތުގެ ތެރޭގައި ކޯޓުގެ ގާޒީންނާއި މުވައްޒަފުންނަށް ތަފާތު ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް ރޭވިފައިވާ ކަމަށްވެސް ބުނެ އެވެ.

ފެމިލީ ކޯޓުން ވަނީ އަންނަ އަހަރު އެ ކޯޓުން ކައިވެނި ނުކޮށްދޭނެ ދުވަސްތަކެއް ވެސް ކަނޑައަޅާފަ އެވެ. މިގޮތުން ޖޫން 24، 25، 26، 28، 29، 30 އަދި ޖުލައި އެއްވަނަ ދުވަހު ކައިވެނި ކޮށްނުދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.