ތިލަމާލެ ބްރިޖު އެޅުމުގެ މަސައްކަތް ކުރަމުންދާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މުވައްޒަފުން ދިރިއުޅުމަށް ބޭނުންކުރާ ތަން ވަރަށް ބޮޑަށް ރޯވެ އެނދި ހާދިސާގައި ގެއްލިގެން ހޯދި މީހާ އަދިވެސް ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ހުއްޓާ ނުލައި ކުރިއަށް އެބަގެންދެ އެވެ.
އިންޑިއާގެ އެފްކޮންސް ކުންފުނީގެ މުވައްޒަފުން ދިރިއުޅުމަށް ބޭނުންކުރާ ތަނުގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު މީހުން ހަމަތޯ ބެލި އިރު އެކަކު މަދުވުމުން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.
އަލިފާން ރޯވި ތަނުގައި 465 މީހަކު ދިރިއުޅުނެވެ. އަލިފާން ރޯވެ ވަރަށް ބާރަށް އަލިފާންގަނޑު ފެތުރިގަތުމާ އެކު ސަލަމާތްވުމަށްޓަކައި ބައެއް މީހުން ވަނީ އިމާރާތުގެ މާތީ ފަންގިފިލާތަކުން ތިރިއަށް ފުންމާލާފަ އެވެ. އެގޮތަށް ފުންމާލުމުގެ ސަބަބުން އަތާއި ފައި ބިނދިފައިވާ މީހުންނަށާއި ފިހިގެން އަދި ނޭވާ ހާސްވެގެންވެސް ފަރުވާ ދޭ މީހުން އަނިޔާވި މީހުންގެ ތެރޭގައި ހިމެނެ އެވެ.
އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އެއްވެސް އިދާރާއަކުން ހާމައެއް ނުކުރެ އެވެ.
އަލިފާނުގެ މި ހާދިސާ އާއި ގުޅިގެން އެފްކޮންސްގެ މުވައްޒަފުން ދިރިއުޅުނު އެކޮމަޑޭޝަން ބްލޮކް ވަނީ އެއްކޮށް އަނދައި ހުލިވެފަ އެވެ.
އެފްކޮންސް ކުންފުނިން ބުނީ އަލިފާން ރޯވާން ދިމާވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ ކުންފުނީގެ މުވައްޒަފުން ރައްކާތެރި ތަންތަނަށް ބަދަލުކޮށްފައިވާ ކަމަށެވެ.