މޯލްޑިވްސް ޕޮލިސް ސާވިސް

ތަސްލީމް ގެއްލިގެން އިންޓަޕޯލް ޔެލޯ ނޯޓިސް ނެރެފި

ކ. ހުވަފެންފުށި ކައިރީގައި އޮންނަ ފިނޮޅަކަށް ދަތުރު ގޮސް އުޅެނިކޮށް މ. އަސަރީހަނދާން، ތަސްލީމް މުހައްމަދު ގެއްލިގެން އިންޓަޕޯލް ޔެލޯ ނޯޓިސް ނެރެފި އެވެ.

ފުލުހުން މިއަދު ބުނީ ތަސްލީމް ގެއްލުނު މައްސަލައިގެ ޔެލޯ ނޯޓިސް މިދިޔަ މަހުގެ 12 ވަނަ ދުވަހު އިންޓަޕޯލް އިން އާންމުކޮށްފައިވާ ކަމަށެވެ.

އިންޓަޕޯލް މެދުވެރިކޮށް އާންމުކުރާ ނޯޓިސްތަކަކީ އިންޓަޕޯލް މެންބަރު ހުރިހާ ގައުމަކަށްވެސް ފެންނަ ގޮތަށް ޕަބްލިޝްކުރާ ނޯޓިސްއެކެވެ. މި ގޮތަށް ޕަބްލިޝްކުރާ ކޮންމެ ނޯޓިސްއަކީ އާންމުންނަށް ފެންނަ ގޮތަށް އިންޓަޕޯލްގެ ވެބްސައިޓްގައި އާންމުުކުރާ ނޯޓިސްއެއް ނޫން ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

ތަސްލީމް ގެއްލުނު މައްސަލައިގައި ފުލުހުން ދަނީ ޖިނާއީ ތަހުގީގެއްވެސް ހިންގަމުންނެވެ.

މާލެ ސިޓީ ކައުންސިލްގައި މަސައްކަތް ކުރާ ތަސްލީމް ހިމެނޭހެން 15 މީހުންގެ ގުރޫޕެއް ދަތުރު ދިޔައީ އޮގަސްޓް 30 ވަނަ ދުވަހު އެވެ.

ތަސްލީމް ގެއްލުނު މައްސަލައިގައި ތުހުމަތު ކުރެވޭ ކަންތައްތަކެއް ހުރުމުން އެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ފަށާފައިވާ ކަމަށް ފުލުހުން ބުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހު އެވެ.