އެމްއޭސީއެލް

ވީއައިއޭގެ ޓޫރިސްޓު ކައުންޓަރުތަކެއް ކުއްޔަށް ދޫކުރަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ގާއިމުކޮށްފައިވާ ޓޫރިސްޓް ރެޕްރެޒެންޓޭޓިވް ކައުންޓަރުތަކެއް ކުއްޔަށް ދޫކުރަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހުޅުވާލައިފި އެވެ.

އެމްއޭސީއެލް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ހުސްކޮށް ހުރި ޖުމުލަ ނުވަ ޓޫރިސްޓު ރެޕްރެޒެންޓޭޓިވް ކައުންޓަރު ޝައުގުވެރިކަން ހުރި ފަރާތްތަކަށް ދޫކުރަން ހަމަޖެހިފައިވާ ކަމަށެވެ.

އެމްއޭސީއެލް އިން ބުނީ މި ކައުންޓަތުތައް ދޫކުރާނީ ޓޫރިޒަމް މިނިސްޓްރީގައި ރިސޯޓު، ހޮޓެލް، ގެސްޓްހައުސް، ވެސަލް، ޔޮޓްމެރިނާ، ޑައިވް ސެންޓަރު އަދި ޓްރެވެލް އެޖެންސީ ހިންގުމުގެ ހުއްދަ އޮންނަ ފަރާތްތަކަށް ކަމަށެވެ. މިވަގުތު ޓޫރިސްޓް ރެޕްރެޒެންޓޭޓިވް ކައުންޓަރެއް ލިބިފައިވާ ފަރާތަކަށް މި ބީލަމުގައި ބައިވެރިވުމުގެ ފުރުސަތެއް ނޯންނާނެ އެވެ.

އެމްއޭސީއެލް ޓޫރިސްޓް ރެޕްރެޒެންޓޭޓިވް ކައުންޓަރުތަކަށް ބީލަން ހުށަހެޅުމުގެ ސުންގަޑި އަކީ އަންނަ އަހަރު ޖެނުއަރީ މަހުގެ 16 ވަނަ ދުވަހެވެ.

ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޓޫރިސްޓް ރެޕްރެޒެންޓޭޓިވް ކައުންޓަރުތައް ލިބޭނެ ފަރާތްތައް ކަނޑައަޅަން ހަމަޖެހިފައިވަނީ ގުރުއަތުލައިގެންނެވެ.

ގުރުއަތު ނެގުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖަނަވަރީ 23 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގައި އެމްއޭސީއެލްގެ މައި އޮފީހުގަ އެވެ.