މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

41 މީހުން ޖަލުން ދޫކުރިއިރު 76 މީހުން އަލުން ޖަލަށް

މިދިޔަމަހު 41 މީހަކު ޖަލުން ދޫކޮށް، 76 މީހަކު ޖަލަށް ލާފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

ކަރެކްޝަންސް އިން ނެރުނު ނޮވެމްބަރު މަހުގެ ތަފާސް ހިސާބު ދައްކާ ގޮތުން މިދިޔަ މަހު ޖަލަށް ގެންދިޔަ 76 މީހުންގެ ތެރެއިން 58 މީހުންނަށް ހުކުމްކޮށްފައިވާއިރު، އަދި ހުކުމް ނުކުރާ 18 މީހުން ޖަލަށް ގެންގޮސްފައިވެ އެވެ.

ޖަލުން ދޫކޮށްލި 41 މީހުންގެ ތެރެއިން 26 މީހުންނަކީ ހުކުމްކޮށްފައިވާ މީހުންނަށް ވާއިރު އަނެއް 15 މީހުންނަށް ހުކުމްކޮށްފައެއް ނުވެ އެވެ.

މިދިޔަމަހު ޖަލަށް ގެންދިޔަ މީހުންގެ ތެރެއިން އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ގެންދިޔަ މީހުންނެވެ. ދެވަނައަށް އެންމެ ގިނައީ ފޭރުމާއި ވައްކަމުގެ މައްސަލަތަކުގައި ގެންދިޔަ މީހުންނެވެ. ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާއާއި، ޒިނޭކުރުމާއި، ބިރުދެއްކުމާއި، މަކަރާއި ހީލަތް ހެދުމުގެ މައްސަލަތަކުގައި މީހުން ޖަލަށް ލާފައިވަނީ އެއްވަރަކަށެވެ.

ޖަލުން ދޫކޮށްލި މީހުންގެ ތެރޭގައި އެކަކު ޕެރޯލްގެ ދަށުން ދޫކޮށްލިއިރު ފަސް މީހަކު ދޫކުރީ ކްލެމެންސީގެ ދަށުންނެވެ. އަދި ޖަލު މުއްދަތު ހަމަވެގެން ދޫކުރި 19 މީހުންނާއި ޖަލު މުއްދަތު އިތުރުވެގެން ދޫކުރި އެކަކު ހިމެނޭއިރު، 15 މީހަކު ދޫކުރީ ކޯޓު ހުކުމް ބަދަލުވުމާ ގުޅިގެންނެވެ.

ކަރެކްޝަނުން ހާމަކުރި ތަފާސްހިސާބުގެ ތެރޭގައި ޖަލަށް ވެއްދުން މަނާ ތަކެތި ވައްދާފައިވާ މިންވަރާއި، ޖަލުގައި ތިބި މީހުންނަށް ވީޑިއޯ އަދި އޯޑިއޯ ކޯލް ކުރަން ފުރުސަތު ދިން އަދަދު ވެސް ހިމަނާފައިވެ އެވެ.