އެއްވެސް އައިބެއް ނެތި ދުނިޔެއަށް އުފަންވާ އިންސާނުން އެމީހުންނަށް ލިބިފައިވާ ގިނަ ގުނަ ނިއުމަތްތަކަށް ޝުކުރުވެރިވާން ޖެހެއެވެ. ސަބަބަކީ ހަށިގަނޑުގެ އެންމެ ގުނަވަނެއްގައި ކުޑަ ކުޑަ އައިބެއް އިން ނަމަވެސް އޭގެ ނޭދޭވޭ އަސަރު މުޅި އުމުރަށް އެމީހަކަށް ކުރާތީ އެވެ. އަދި ބައެއް މީހުންގެ ހަށިގަނޑުގައި ހުންނަ ބައެއް ކަހަލަ އައިބުތަކުގެ ސަބަބުން އެމީހުން މުޅި އުމުރަށް ވޭނާއި ކެކުޅުމުގައި އުޅެން ޖެހޭތީ އެވެ.
އިންޑިޔާގެ ޖަރްކަންޑްގައި ދިރިއުޅޭ 16 އަހަރުގެ މި ފިރިހެންކުއްޖާ އަކީ ވެސް މަދުން ނޫނީ ނުފެންނަ ބައްޔެއްގެ ސަބަބުން ދެ އަތް އާދަޔާޚިލާފަށް ބިޔަވަމުންދާ ކުއްޖެކެވެ. ޖާރްކަންޑްގައި ދިރިއުޅޭ މި ކުއްޖާގެ އަތް ބޮޑުވަމުންގޮސް މިހާރު އަތް ދެ ފޫޓަށް ބޮޑުވެއްޖެ އެވެ. އެހެންވެ މީހުން މިހާރު އޭނާއަށް ވަނަމަކަށް ކިޔައި އުޅެނީ "ހަލްކް ހޭންސް" (ހަލްކް އަތް) އެވެ.
ބަކާރޯ ސްޓީލް ސިޓީ ކިޔާ ކުޑަ އަވަށެއްގައި ދިރިއުޅޭ މުހައްމަދު ކަލީމް ނަމަކަށް ކިޔާ މި ކުއްޖާއަށް ޖެހިފައިވަނީ މެކްރޯޑެކްޓިލީ ކިޔާ ބައްޔެކެވެ. މި ބަލި ޖެހޭ އަތުގެ ނުވަތަ ބައިގެ އިނގިލިތައް އާދަޔާޚިލާފަށް ބޮޑުވެފައި ބަރުވާނެ އެވެ. ކަލީމްގެ އަތް އާދަޔާޚިލާފަށް ބޮޑުވުމުގެ އިތުރުން އެ އަތުގެ ބަރުދަނުގައިވެސް އަށް ކިލޯ އެބަހުއްޓެވެ.
ކަލީމްގެ ބައްޔަކީ މަދުން ނޫނީ ނުފެންނަ ބައްޔަކަށް ވާތީ އަވަށުގެ މީހުންގެ މަލާމާތް އޭނާއަށް ވަރަށް ރައްދުވެ އެވެ. އަދި އެއީ "ފުރޭތައިގެ ދަރިއެކޭ"ވެސް ބައެއް މީހުން އޭނާއަށް ގޮވަ އެވެ.
އަވަށުގައި ހުރި ސްކޫލުން ވެސް ކަލީމް އަށް ކިޔަވަން ވެސް ޖާގައެއް ނުދިނެވެ. ސްކޫލަށްދާ އެހެން ކުދިން ބިރުން އުޅޭތީ ކަމަށް ބުނެފަ އެވެ.
ކަލީމްގެ މި ބަލި ރަނގަޅުވޭތޯ އޭނާގެ މައިންބަފައިން ވަރަށް ގިނަ ޑޮކްޓަރުންނަށް ދައްކައިގެން ބޭސްކޮށްފި އެވެ. ނަމަވެސް ދުވަހެއް ދުވަހަކަށް އެ އަތް އަދިވެސް ދަނީ ބޮޑުވަމުންނެވެ.
މީގެ 10 އަހަރު ކުރިން އަތް ކުޑަކުރަން އޮޕަރޭޝަނެއް ވެސް ކޮށްފައި ވެއެވެ. ނަމަވެސް ސާޖަރީ ހެދުމުން އަތް ކުޑަވުމުގެ ބަދަލުގައި އިތުރަށް ވީ ބޮޑެވެ. އަދި ސާޖަރީގެ ފަހުން އޭނާއަށް މާ ގިނަ އިތުރު މައްސަލަތަކާ ވެސް ކުރިމަތިވި އެވެ.
ދެ އަތް ބޮޑުވުމުގެ ސަބަބުން އާއްމުކޮށް މީހުން އާދަވެ ކޮށް އުޅޭ ގިނަ ކަންތައްތައް ކަލީމް އަށް ކުރުމަށް ވަނީ ނުކުޅެދިފަ އެވެ. އެއީ ކެއުން، ފެންވެރުން ފަދަ ކަންކަމެވެ. އޭނާއަށް މިކަންކަން ކޮށްދޭން ޖެހެނީ އާއިލާގެ މީހުންނެވެ.