ކުޅިވަރު

މެސީ 2026 ގެ ވޯލްޑް ކަޕްގައި ކުޅެން ބޭނުން: ސްކަލޯނީ

މެކްސިކޯ އާއި ކެނެޑާ އަދި އެމެރިކާގައި 2026 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕްގައި ލިއޮނެލް މެސީ ޓީމުގައި ހިމަނަން ބޭނުންވާކަމަށް އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކަލޯނީ ބުނެފި އެވެ.

ފީފާ ވޯލްޑް ކަޕް ފައިނަލުގައި ފްރާންސް ބަލިކޮށް ރޭ އާޖެންޓީނާ ވަނީ ދުނިޔޭގެ ޗެމްޕިއަންކަން ތިންވަނަ ފަހަރު ހޯދާފަ އެވެ. މުބާރާތުގެ ކުރިން މެސީ ބުނީ މިއީ އޭނާ ވޯލްޑް ކަޕްގައި ފެންނާނެ ފަހު ފަހަރު ކަމަށާއި، މި މުބާރާތުގެ ތައްޓާ އެކު ވޯލްޑް ކަޕްގައި ގައުމީ ޓީމަށް ކުޅުން ނިންމާލަން ބޭނުންވާ ކަމަށެވެ. އެކަމަކު މެޗަށް ފަހު މެސީ އާއި ކޯޗު ސްކަލޯނީގެ ވާހަކަތަކަށް ބަލާއިރު މެސީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާގެ ޖާޒީގައި ފެނުމުގެ ފުރުސަތު ބޮޑެވެ.

ސްކަލޯނީ ބުނީ އޭނާ އެންމެ ފުރަތަމަ ބޭނުންވަނީ 2026 ގެ ވޯލްޑް ކަޕް ޓީމުން މެސީ އަށް ޖާގައެއް ކަށަވަރުކުރަން ކަމަށެވެ. މެސީ ކުޅެން ބޭނުންވާނަމަ އެ ވޯލްޑް ކަޕްގައި ކުޅުވާނެ ކަމަށް ސްކަލޯނީ ބުނެފައިވެ އެވެ.

"އެންމެ ފުރަތަމަ އަހަރެމެން އެބަޖެހޭ 2026 ގެ ވޯލްޑް ކަޕްގެ ޓީމުން މެސީ އަށް ޖާގައެއް ކަށަވަރުކުރަން. މެސީ ކުޅެން ބޭނުންވާނަމަ ޓީމުގައި ހުންނާނެ. މެސީ އަށް ކޯޗުކޮށްދިނުމަކީ ވަރަށް ބޮޑު އުފަލެއް" މެޗަށް ފަހު ސްކަލޯނީ ބުންޏެވެ.

އުމުރުން 35 އަހަރުގައި މެސީ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދީ ތަފާތު މޮޅު ކުޅުމެއް ދައްކައިގެންނެވެ. މުބާރާތުގައި ހަތް ގޯލު ޖެހިއިރު ފައިނަލް މެޗުގައި ދެ ގޯލު ޖެހި އެވެ. އާޖެންޓީނާ ވޯލްޑް ކަޕްގައި ކުޅުނު ހަތް މެޗުގެ ތެރެއިން ފަސް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް މެސީ ހޯދި އެވެ.

ރޭގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 3-3 އިން ދެޓީމު އެއްވަރުވެގެންނެވެ. ޕެނަލްޓީގައި އާޖެންޓީނާ ކުރި ހޯދީ 4-2 އިންނެވެ.

މިފަހަރުގެ ވޯލްޑް ކަޕްގެ އިތުރުން އާޖެންޓީނާ އިން ވޯލްޑް ކަޕް ކާމިޔާބުކުރީ 1978 އަދި 1986 ވަނަ އަހަރު އެވެ. 1930، 1990 އަދި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި އާޖެންޓީނާ ވަނީ ބަލިވެފަ އެވެ. މެސީ ހިމެނުނު 2014 ވަނަ އަހަރުގެ ޓީމު ފައިނަލުގައި ބަލިވީ ޖަރުމަނު އަތުންނެވެ.

ޗެމްޕިއަންކަމާ އެކު އާޖެންޓީނާގެ ކޯޗަށް ވެސް ވަނީ ހާއްސަ ރެކޯޑެއް ލިބިފަ އެވެ. އުމުރުން 44 އަހަރުގެ ސްކަލޯނީ ވެފައިވަނީ ވޯލްޑް ކަޕް ކާމިޔާބުކުރި އެންމެ ޒުވާން ކޯޗަށެވެ. އާޖެންޓީނާގެ ގައުމީ ޓީމަށް ކުޅުން ހަތް މެޗު ކުޅުނު ސްކަލޯނީ ގައުމީ ޓީމާ ހަވާލުވީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު އެވެ. ވޯލްޑް ކަޕްގެ އިތުރުން މިދިޔަ އަހަރުގެ ކޮޕާ އެމެރިކާ ސްކަލޯނީ ވަނީ އާޖެންޓީނާ އަށް ހޯދައިދީފަ އެވެ.