މޯލްޑިވްސް ޕޮލިސް ސާވިސް

ކޯހެއްގައި ބައިވެރިވުމަށް ފަސް ފުލުހުން އިންޑިއާއަށް

އައިޕީއެސް ޕްރޮބޭޝަނާސް ކޯހުގައި ބައިވެރިވުމަށް ރާއްޖޭގެ ފަސް ފުލުހުން އިންޑިއާ އަށް ހިނގައްޖެ އެވެ.

މި ކޯހުގައި ރާއްޖެއިން ބައިވެރިވާ ފުލުހުންނަކީ ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އާދަމް މާހިރު، ސަބް އިންސްޕެކްޓާ އޮފް ޕޮލިސް ރިފްއަތު ހުސައިން، ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އާމިނަތު ޝީޒާ، ސަބް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ރިޟްވާން އަދި ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހްމަދު ޖަލީލް އެވެ.

އައިޕީއެސް ޕްރޮބޭޝަނާސް ކޯހަކީ 10 މަސް ދުވަހުގެ މުއްދަތަކަށް ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ކޯހެކެވެ. މައިގަނޑު ގޮތެއްގައި މި ކޯސް ބިނާވެގެންވަނީ ފީލްޑް ޓްރެއިނިންގެ މައްޗަށެވެ.

އެގޮތުން ފިޒިކަލް ޓްރެއިނިން އާއި ވެޕަން ޓްރެއިނިންގެ އިތުރުން މި ކޯހުގެ ބައިވެރިންނަށް ފުލުހުންގެ މަސައްކަތްތަކުގެ އަމަލީ ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން މޮޑެލް ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރުމާއި، މޫޓް ކޯޓު ފަދަ މޮޑިއުލްތަކުން އަމަލީ ތަޖުރިބާ ފޯރުކޮށްދޭނެ އެވެ.

މީގެއިތުރުންވެސް، ގާނޫނުގެ ބައިތަކާއި، ތަހުގީގުކުރުމުގެ ހުނަރުތަކާއި، ފޮރެންސިކް މެޑިސިން، ޕޮރެންސިކް ސައިންސް، ކްރިމިނޮލޮޖީ އަދި ލީޑަޝިޕް ފަދަ ފުލުހުންނާ ގުޅުންހުރި މުހިއްމު ބައިތައް ކިޔަވައިދޭނެ އެވެ.