އިދިކޮޅު ފަރާތްތައް

ޓީބިލު ވިއްކަނީ ސަރުކާރުން ކަޓު ޖައްސަން: އަދުރޭ

ރައީސް އިބްރާހީމް ސޯލިހުގެ ސަރުކާރުން ޓީބިލް ވިއްކަނީ އިންތިހާބަށް ފައިސާ ހޯދަން ވަރަށް ބޮޑަށް ރާވައިގެން ކަމަށް އިދިކޮޅު ކޯލިޝަނުން ތުހުމަތުކޮށްފި އެވެ.

އިދިކޮޅު ކޯލިޝަނުން މިގޮތަށް ވާހަކަދައްކާފައިވަނީ އެ ކޯލިޝަންގެ އިސް ބޭފުޅުން މިއަދު ބެންކް އޮފް މޯލްޑިވްސްގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ބީއެމްއެލްއާ އެކު ބޭއްވި ބައްދަލުވުމަކީ ރައްޔިތުންގެ ކަންބޮޑުވުން ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ. ބީއެމްއެލްއާ އެކު ބޭއްވުނީ ކާމިޔާބު ބައްދަލުވުމެއް ކަމުގައިވެސް ވިދާޅުވި އެވެ.

"މައިގަނޑު ގޮތެއްގައި ދެ ކަމެއްގެ ވާހަކަ ދެއްކީ، އެއީ ޑޮލަރު ލިބުމުގެ ދަތިތަކުގެ ވާހަކައާއި ސްކޭމް ކޯލްތަކުގެ ވާހަކަ. އޭގެ އިތުރުން ޓީ ބިލާމެދު ވެސް އަޅުގަނޑުމެން ވާހަކަ ދެއްކިން،" އަދުރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޑޮލަރު ނުލިބުމުގެ މައްސަލައަށް ހައްލެއް ހޯދަން ބީއެމްއެލް އިން ހަރުދަނާ މަސައްކަތްތަކެއް ކުރެ އެވެ.

"ބޭންކުން ވިދާޅުވީ މިހާރުވެސް ދަނީ ކިޔަވާ ކުދިންނާ ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށްދާ މީހުން އަދި އެނޫންވެސް ޑޮލަރު ބޭނުންވާ ފަރާތްތަކަށް ޑޮލަރު ފޯރުކޮށްދެމުންނޭ. އޭގެއިތުރަށްވެސް ޑޮލަރުގެ މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސީއީއޯ ވިދާޅުވި،" އަދުރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސްކޭމް ކޯލްތަކަކީ ވަރަށް ބޮޑުވެފައިވާ މަައްްސަލައަކަށް ވާތީ އެ މައްސަލަ ބޭންކްގެ އިސްވެރިންގެ ސަމާލުކަމަށް ގެނައުމާ ގުޅިގެން އެ މައްސަލަ ހައްލުކޮށްދޭނެ ކަމުގެ ޔަގީންކަން ބޭންކުން ދޭ ކަމަށެވެ.

"އެކަމާ މެދު ވަރަށް ތަފްސީލުކޮށް ވާހަކަދެއްކެވި. އެކަން އެގޮތަށް ދިމާވާ ސަބަބުވެސް ކިޔާދެއްވި. އަދި އެކަން ހުއްޓުމަކަށް ގެންނާނެކަމުގެ ޔަގީންކަން ސީއީއޯ ދެއްވި،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ ޓީބިލުގެ މައްސަލަ އަކީ ބީއެމްއެލްއާ ގުޅޭ އެ ބޭންކްގެ ސީދާ މައްސަލައެއް އޮތް ކަމެއް ނޫން ކަމަށާއި އެއީ ސަރުކާރުން ވަކި ކަހަލަ ނާޖާއިޒު ފައިދާތަކެއް ނަގަން ކުރާ ކަމެއް ކަމަށެވެ.

"ސަރުކާރުން މިހަދާ ގޮތަކީ އާދައިގެ ކުދި ކުންފުނިތަކަށް ގޮސް ބޮޑު އިންޓްރެސްޓް ރޭޓުގައި ޓީބިލު ގަންނަނީ. އެއީ އަސްލު ބޭންކާއި ގުޅުންހުރި ކަމެއް ނޫން. ސަރުކާރުން ކަޓު ނަގަން ކުރާކަމެއް އެއީ،" އަދުރޭ ވިދާޅުވި އެވެ.

ސަރުކާރުން ދޭތެރެ ދޭތެރެއިން ޓީބިލް ވިއްކަ އެވެ. އާންމުކޮށް ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުން ވެސް ޓީބިލް ގަނެ އެވެ.